ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވާފައިވާ ކުރީގެ ރައީސް ޔާމީންގެ ޝަރުތު ހަމަ ނުވާތީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ޔާމީންގެ ކެންޑިޑޭސީ ބޭރުކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ކޯޓުން ބަލައިގެންފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒު ކަމަށްވާ ދަރުބާރުގޭގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ޔާމީންގެ ކެންޑިޑޭސީ ފޯމު އީސީގެ ރައީސް ފުއާދު ތައުފީގާއި ހަވާލު ކޮށްދެއްވީ ޔާމީންގެ އިންތިހާބީ އެޖެންޓު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ތޮލާލެވެ. އަރިހުގައި ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލް އަހްމަދު ހުންނެވިއެވެ.

ރައީސް ޔާމީން މިވަގުތު ހުންނެވީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި، ޔާމީން ރިޝްވަތު ނަންގައި މަނީ ލޯންޑަަރިންގެ ކުށް ސާބިތުވެ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައެވެ.

ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. އަދި އިސްތިއުނާފުގެ އަޑުއެހުންތައް ވެސް ވަނީ ފަށައިފައެވެ. ނަމަވެސް އެ މައްސަލާގައި ހިމެނިވަޑައިގަންނަވާ ބައެއް ފަނޑިޔާރުން ޗުއްޓީ ނެންގެވުމާއެކު އެ މައްސަލަ އޮތީ މަޑު ޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބު ކުރާ މީހެއްގެ ޝަރުތުތައް:

ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިހާބުކުރާ މީހެއްގައި ހުންނާންވީ ށަރުތުތައްރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުކުރެވޭ މީހެއްގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރުގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.

(ށ) މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

(ނ) ޢުމުރުން ތިރީސްފަސް އަހަރުވެފައިވާ މީހަކުކަމުގައިވުން.

(ރ) ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން.

(ބ) އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސްނުކޮށް ހުރި މީހަކު ކަމުގައި ނުވުން.

(ޅ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިންއަހަރު ވެފައިވާ މީހަކު ކަމުގައިވުން.

(ކ) މި މާއްދާގެ (ޅ) ގައި އެހެން އޮތްކަމުގައިވީ ނަމަވެސް އެ މީހަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ށަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.