ރައްޔިތުންގެ ބޮޑު ތާއިދެއް އޮތީ ވެރިކަމުގައި އޮތް އެމްޑީޕީއާ އިދިކޮޅު ޕީޕީއެމްއަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ފުނަދޫގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިޔާސި މަޝްރަހު އޮތް ގޮތުން އިންތިހާބުގައި ވާދަކުރާނީ އެމްޑީޕީއާ ޕީޕީއެމެވެ.
"އެ ނޫން ބަޔަކަށް (ސިޔާސީ ޕާޓީތަކަށް) ތި ބުނާ ވަރުގެ ތާއިދެއް އޮތް ތަނެއް އަޅުގަނޑަކަށް ނުފެނޭ" ރައީސް ސޯލިހު ވިދާޅުވިއެވެ.
އިންތިހާބު އެއްބުރުން ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކޮންމެ ކެމްޕޭނު ޖަލްސާއެއްގައި ރައީސް ސޯލިހު ގެންދަވަނީ ވިދާޅުވަމުންނެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި ރާއްޖެއަށް އަމާންކަން ގާއިމްކުރެވޭނީ އެމްޑީޕީ އިންތިހާބުކޮށްގެންނެވެ.
ވާދަވެރިވާނެ ކަމަށް ބެލެވޭ މި ފަހަރުގެ އިންތިހާބުގައި އެމްޑީޕިީއާ ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީ، އެމްއެންޕީ، އެމްޑީޕީ ޕްރައިމަރީން ރައީސް ސޯލިހާ ވާދަކޮށް ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ލޯޔަސްލިސްޓުން" އުފެއްދި ދަ ޑިމޮކްރެޓްސްއެވެ. 3000 މެމްބަރުން ހަމަނުވެގެން އުވާލަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ އެމްއާރްއެމުންވެސް ވާދަކުރާނެ ކަމަށް ބެލެވެއެވެ.
އެމްޑީޕީއާ ހިލާފަށް މި ޕާޓީތަކުގެ ކެމްޕޭނުކުރާތަނެއް މާ ބޮޑަކަށް ނުފެނެއެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިންތިހާބުގައި ވާދަކުރައްވަނީ ހިޔާނާތުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމިނެވެ. އެކަމަކު މިހާރު ކަންކަން އޮތް ގޮތުން އެމަނިކުފާނަށް އިންތިހާބަށް ވާދަކުރެވިދާނެކަމާއި މެދު ޝައްކު ވަނީ އުފެދިފައެވެ. އިއްޔެ ޔާމީންގެ ރަނިން މޭޓަކަށް އެމަނިކުފާނުގެ ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް ވަނީ ހަމަޖައްސާފައެވެ. އެމްޑީޕީއިން އަދި މިހާތަނަށް ރަނިން މޭޓަކު ކަނޑައަޅާފައެއް ނުވެއެވެ. އެކަމަށް އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅުކުރައްވާ އެއް ބޭފުޅަކީ މިހާރުގެ ނައިބް ރައީސް ފައިސަލް ނަސީމެވެ.