މިދިޔަ ހޮނިހިރުގައި ރެއާލް މެޑްރިޑް ކޮޅަށް ލަނޑުޖެހި ބާސެލޯނާގެ ފޯވާޑް އުސްމާން ޑެމްބެލޭ އަންނަ ސީޒަނުގައި ފްރާންސްގެ ޕީއެސްޖީއަށް ކުޅެން ނިންމާފައިވާ ކަމަށް މަޝްހޫރު ކުޅިވަރު ޖާނަލިސްޓް ފެބްރީޒިއޯ ރޮމާނޯ ބުނެފިއެވެ.

ބާސެލޯނާއިން މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގު ހޯދުމުގައި މުހިއްމު ދައުރެއް އަދާކުރި ޑެމްބެލޭއަކީ އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ވަނީ މީގެ ކުރިން ބުނެފައެވެ. އަދި ޕްރި ސީޒަން ފްރެންޑްލީއެއްގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ޑެމްބެލޭ ވަނީ މޮޅު ކުޅުމެއް ދައްކާ އެ މެޗުގައި ބާސެލޯނާއިން ޖެހި ތިން ގޯލުގެ ތެރެއިން ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. އެ މެޗުގެ ކުޅުމާއެކުވެސް ޑެމްބެލޭގެ މުހިއްމުކަން ޓީމަށް އެނގިގެންދިޔައެވެ.

އެހެން ނަމަވެސް މި ސީޒަނުގެ ނިޔަލަށް ޑެމްބެލޭގެ އެއްބަސްވުން ހަމަވާ އިރު، ބާސެލޯނާއާއި ޑެމްބެލޭ އައު އެއްބަސްވުމަކަށް ވާހަކަދައްކާތާ ދުވަސްތަކެއް ވެއްޖެއެވެ. އެގޮތުން ޑެމްބެލޭ ވަނީ އޭނަގެ މުސާރައަށް އިތުރު ހަ މިލިއަން އިތުރު ކުރުމަށާއި، އެހެނިހެން އިނާޔަތްތައް ބޮޑު ކުރަން ބާސެލޯނާގައި އެދިފައެވެ. ނަމަވެސް ބާސެލޯނާއިން ޑެމްބެލޭގެ މުސާރަ އިތުރަށް ބޮޑުކުރަން ބޭނުން ނުވާ ކަމަށް ބުނެފައިވާ އިރު، ޑެމްބެލޭ މިހާރު ފްރާންސް ޕީއެސްޖީއަށް ބަދަލުވާން އޮތީ އެއްބަސްވެފައެވެ.

އެކަން އިތުބާރު ހުރި ނޫސްވެރިޔާ ފެބްރީޒިއޯ ވެސް ވަނީ ޔަގީންކޮށްދީފައެވެ. ޑެމްބެލޭގެ އެޖެންޓް މޫސާ ސިސޯކޯ މިހާރު ޑީލް ނިންމުމަށް ސްޕެނިޝް ލީގާ ވެސް ވާހަކަ ދައްކާފައިވާ ކަމަށާއި، ޕީއެސްޖީއިން ޑެމްބެލޭގެ ރިލީޒް ފީ އެއްގެގޮތުގައި 50 މިލިއަން ޔޫރޯ ދައްކަން ތައްޔާރަށް އޮތް ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައިވެސް ޑެމްބެލޭއަށް މުހިއްމު ގިނަ މެޗުތަކެއް ގެއްލުނު އިރު، 26 އަހަރުގެ ފޯވާޑްއަށް މީގެ ކުރިންވެސް ވަނީ ޔޫރޮޕުގެ ބޮޑެތި ކުލަބުތަކަކުން ހުށައެޅުންތައް އައިސްފައެވެ.

ޑެމްބެލޭ ދޫކޮށްލަން ޖެހިއްޖެ ނަމަ ބާސެލޯނާއަށް ގެއްލުންތަކެއް ކުރިމަތިވާ އިރު، އެ ޓީމުން އަންނަނީ މިހާރުވެސް ބައެއް ކުޅުންތެރިންނަށް ފާރަލަމުންނެވެ. އެގޮތުން އެ ޓީމުގެ އެންމެ ބޮޑު އެއް ޓާގެޓަކީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޔާއޯ ކަންސޭލޯއެވެ. ކަންސޭލޯ ބަޔާން މިއުނިކާއެކު ހަދާފައިވާ ލޯނު އެއްބަސްވުން ހަމަވުމުން މިހާރު އަންނަނީ ސިޓީގެ ޕްރި ސީޒަނުގައި ބައިވެރިވަމުންނެވެ.

މީގެ އިތުރުން ޕީއެސްޖީން ސޭލުގައި ހުރި ކިލިއަން އެމްބާއްޕޭއަށް ވެސް ޝައުގު ވަނީ ބާސެލޯނާއިން ހުށައަޅައިފައެވެ. އެކަމަކު އެމްބާއްޕޭ ބޮޑަށް ދިއުން ގާތީ ސައުދީ އަރަބިއްޔާގެ އަލް ހިލާލް ނުވަތަ ރެއާލް މެޑްރިޑަށެވެ.