ރާއްޖޭގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ފުވައްމުލަކު ސިޓީގެ ރައްޔިތުން ތިބި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކީގައި ކަމުގެ ޔަގީންކަން އެ ރަށަށް ނިސްބަތްވެވަޑައިގަންނަވާ ނައިބް ރައީސް ފައިސަލް ނަސީމް މިރޭ ދެއްވައިފިއެވެ.

އެމްޑީޕީން ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ސޯލިހު ފުވައްމުލަކުގައި މިރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ނައިބު ރައީސްގެ ވާހަކަފުޅު ފެއްޓެވީ އެ ސިޓީގެ ކުރީގެ ހާލަތާއި މިހާރާ ހުރި ތަފާތެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި އެ ސިޓީއަށް ހަމައެކަނި ކޮށްދީފައިވާ ކަމަކީ ނަރުދަމާ އެޅުން ކަމަށެވެ. "އެ ނަރުދަމާ ނިޒާމުން ރައްޔިތުންނަށް ވީ ފަސޭހަށްވުރެ ބޮޑަށްވީ އުނދަގޫ" ކަމަށް ފައިސަލް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން މި ސަރުކާރަށް ޖެހުނީ ބޮޑު ހޭދައެއް ކޮށްގެން އަލުން ނަރުދަމާގެ ނިޒާމު ގާއިމް ކުރަން ކަމަށް ފައިސަލް ފާހަގަކުރެއްވިއެވެ.

މީގެ ފަސް އަހަރުކުރިން ފުވައްމުލަކުގައި އަސާސީ އެއްވެސް ހިދުމަތެއް ގާއިމް ކުރެވިފައިނުވާ ކަމަށާއި އެހެންނަމަވެސް މިއަދު ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން ފެންނަނީ ތަރައްގީގެ އެކި މަޝްރޫއުތައް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފުވައްމުލަކު މަގުތައް ހެދުމުގެ މަޝްރޫއު 2014 އަހަރު ފެށި ނަމަވެސް އެކަން އޮތީ ހުއްޓިފައެވެ. އެ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތުގެ 95 ޕަސެންޓު ނިމިފައިވާ ކަމަށާއި މުޅި މަސައްކަތް އެއްކޮށް ނިމިގެންދާއިރު ޒަމާނީ ފެންވަރަށް މަގުތައް ހެދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ފުވައްމުލަކު ބަހުރުވައިން ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.

މިރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގެ ތެރެއިން

"މީ ނޫންތޯ ރައްޔިތުން ބޭނުންވާ ކަމަކީ، މި ނޫންތޯ ހުރިހާ ރައްޔިތުން ބޭނުންވާ ކަމަކީ. ކޮންމެ ވިސްނުމެއްގެ ކޮންމެ ފިކުރެއްގެ މީހުން ބޭނުންވަނީ ރަށަށް ތަރައްގީ ނޫންތޯ" ވިދާޅުވިއެވެ.

"މިއީ ދަނޑިމަގުން ދޫޑިގަމަށް 13 ހާސް މީހުންގެ ކަމެކޭ. މިކަމަށް އުފާނުކުރަންވީ ކާކު" މި އަހަރު އުމުރުން 50 އަހަރު ފުރިވަޑައިގެންނެވި ފައިސަލް ވިދާޅުވީ އެމަނިކުފާނުގެ އުމުރުގެ ބޮޑު ބައި ހޭދަކުރެއްވި ފުވައްމުލަކު ރައްޔިތުންނާ އެކު ކަމަށެވެ.

ފައިސަލް ވިދާޅުވީ އެ ސިޓީގެ 30 އަށްވުރެ ގިނަ ކްލާސް ރޫމްތައް އަޅައި ނިމިފައިވާއިރު ދެ މިސްކިތުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ގުރުއާންއާ ބެހޭ މަރުކަޒު މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. "ކޮންކަމެއްތޯ ބޭނުންވަނީ" ކޮންމެ މަޝްރޫއެއްގެ ވާހަކަ ގެންނަވަމުން ފައިސަލް ތަކުރާރު ކުރެއްވިއެވެ. ރަށު ހޮސްޕިޓަލްގައި މީގެ އެއްވެސް ސަރުކާރުން ކަމެއް ކޮށްފައިނުވާއިރު ޑައިލަސިސް އާއި ލެބްރޯޓަރީ އާއި ސްޕީޗް ތެރަޕީގެ އިތުރުން ސީޓީ ސްކޭން ހިދުމަތް ވަރަށް އަވަހަށް ފެށޭނެ ވިދާޅުވިއެވެ.

"ރަށަށް ނުދަނާން އެކަން ނުވަންޏާ [ސީޓީ ސްކޭންގެ ހިދުމަތް ނުފެށެންޏާ]" ފައިސަލް ވިދާޅުވިއެވެ.

ރައީސް ސޯލިހު ދެވަނަ ދައުރެއްގައި ރަށުގައި ސިޓީ ހޮޓަލެއް ހެދުމާއި ބަނދަރުގެ ޖާގަ ބޮޑު ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ ރާއްޖެއަށް ބޭނުން ވަނީ އަމާންކަން ކަމަށާއި ރައީސް ސޯލިހަކީ ރާއްޖެ ދުވަހަކުވެސް ނުދެކޭ ވަރު ރައީސެއް ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހަށް ދެވަނަ ދައުރެއް ކޮންމެހެން ހޯދައިދޭން ފައިސަލް ވަނީ ފުވައްމުލަކު ރައްޔިތުން އަރިހުން އެދިވަޑައިގެންފައެވެ.

"ފުވައްމަލުކު ރައްޔިތުން މި ތިބީ މަނިކުފާނުގެ ފަހަތުގައި" ފައިސަލްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވިއެވެ.