ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި، ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ ފުވައްމުލަކު ސިޓީގެ އެއާޕޯޓު ބޮޑު ކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނަށް މިއަދު ފުވައްމުލަކު ސިޓީ އަށް ވަޑައިގެން މިރޭ އެ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލަކު ސިޓީ އަށް ވަޑައިގެން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާފައި ވާނެ ކަމަށެވެ. އެ ސިޓީގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވީ މަގުތައް ޒަމާނީ ފެންވަރަކަށް ހެދިގެން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ފަށައިގެންފައިވާ ކަމަށެވެ. އެގޮތުން މިއަދާއި ހަމައަށް އައިރު ފުވައްމުލަކު ސިޓީގެ 19.7 ކިލޯ މީޓަރުގެ މަގުތައް ހަދާފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕްލޭނަކީ މި މަސައްކަތް އަޅުގަނޑުމެން ނިންމާނީ މިރަށުގައި ހަދަންޖެހޭ ހުރިހާ މަގެއް ހަދާ ނިންމާފައި،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފުވައްމުލަކު ސިޓީގެ ރަށް ގިރުމުގެ މައްސަލަ އަށް ހައްލެއް ގެނެވި، ނަރުދަމާގެ ނިޒާމަށް ވެސް ހައްލު ގެނެސްދެވިއްޖެ ކަމަށެވެ. ކޮންމެ ސަރުކާރަކުން ވެސް ފުވައްމުލަކަށް ކަންތައްތަކެއް ކޮށްދެވޭތޯ މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް ބޭނުންވާ ސްޕީޑުގައި އެ ތަރައްގީ ފުވައްމުލަކަށް ނާންނަނީ ފަހަރަކު ކަމެއް، މަޑުމަޑުން ކުރަމުން ދިއުމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުތަކުން ވެސް ފުވައްމުލަކު ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް މަސައްކަތްތަކެއް ކޮށްދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ބަނދަރެއް އަޅައި ދީފައިވާ ކަމަށާއި އެއާޕޯޓެއް ތަރައްގީކޮށް ދީފައިވާއިރު 2003ވަނަ އަހަރު ދެ ކިލޯ މީޓަރުގެ މަގު ތަރައްގީ ކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންނަމަވެސް މިއަދު މިވަނީ އަނެއްކާވެސް އެކަންތައްތައް އިތުރަށް ތަރައްގީ ކުރަން ޖެހިފައި. ބަނދަރު ކުޑަވެއްޖެ. އެއާޕޯޓު ކުޑަވެއްޖެ. އިރާދަކުރެވިއްޔާ ކުރިޔަށް މިއޮތް އަޅުގަނޑުމެންގެ ދައުރުގައި އެއާޕޯޓު ބޮޑު ކުރެވޭނެ މިންވަރެއް ބެލުމަށްފަހުގައި މިހާރު އައިލެންޑް އޭވިއޭޝަނުން ގެންގުޅޭ އޭޓީއާރް ޖެއްސޭ ވަރަށް އެއާޕޯޓު ބޮޑު ކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުވައްމުލަކު ސިޓީގައި މިހާރު އަޅާފައިވާ ބަނދަރަކީ ޓެކްނިކަލީ ވަރަށް ގިނަ ދިރާސާތަކެއް ކުރުމަށްފަހު އަޅާފައިވާ ބަނދަރެއް ކަމަށެވެ. އޭރު އެ މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި މި ސަރުކާރުގެ ޕްލޭނިން މިނިސްޓަރު ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ވިސްނުންފުޅަކީ ފުވައްމުލަކުގެ ރައްޔިތުން އެދުނު ގޮތަށް، ބަނދަރު ބޮޑު ކުރެވެން އޮތް ގޮތެއް ބެލުމަށްފަހު ބަނދަރު ބޮޑުކޮށް ދިނުން ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ މިހާރު އެ މަސައްކަތް ކުރުމުގެ ދިރާސާތައް މިނިސްޓަރު އަސްލަމްގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ ކަމަށެވެ.