ރާއްޖެ އަށް ހަމަޖެހުން ގެނެވޭނީ ގިނަ ޕާޓީތައް އެކުލެވޭ ސަރުކާރެއް އިންތިހާބު ކޮށްގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނަށް މިއަދު ފުވައްމުލަކު ސިޓީ އަށް ވަޑައިގެން މިރޭ އެ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ރައްޔިތުންނާއި ހަމައަށް ކުރިޔަށް އޮތް ފަސް އަހަރުގައި ވެސް ގެނެވޭނީ ގައުމުގައި ހަމަޖެހުން ގާއިމްކޮށް، ހަލަބޮލިކަން ގައުމުން ނައްތާލައިގެން ކަމަށެވެ.
"އެކަން ކުރެވޭނީ އަޅުގަނޑު ދެކޭ ގޮތުގައި، އަދިވެސް އެކަން ކުރެވޭނީ ގިނަ ޕާޓީތައް އެކުލެވޭ ސަރުކާރެއް އުފައްދައިގެން. އަޅުގަނޑުމެން މި ތަޖުރިބާ ކުރީ އެކަން މި ފަސް އަހަރު. ކޯލިޝަން ސަރުކާރެއް އުފައްދާ އެ ތަފާތު ހިޔާލުތަކުގެ ތެރޭގައި ގޮތް ނިންމައިގެން މަސައްކަތް ކުރީމާ ރައްޔިތުންނަށް އޭގެ ފައިދާވޭ،" ފަސް އަހަރުގެ ތަޖުރިބާއާއެކު ރައީސް ވިދާޅުވިއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ވެސް ކުރިމަތިލަނީ ކޯލިޝަނަކާއެކު ކަމަށް ވިދާޅުވެ، ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ގިނަ ޕާޓީތަކެއް އެކުލެވޭ ކޯލިޝަނެއްގެ ތެރެއިން އެކިއެކި ހިޔާލުތައް ހޯދައިގެން ކުރިޔަށް ދިއުމުން ގިނަ ރައްޔިތުންތަކަކަށް އެކަމުގެ ފައިދާ ކުރާ ކަމަށެވެ.
"ފަހަރުގައި އެކަމުގެ ފައިދާ އަޅުގަނޑަށް ނުކޮށްފާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިފަހަރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި އެމްޑީއޭގެ ބޭފުޅުންގެ ތެރޭގައި ވެސް ތަފާތު ހިޔާލުތައް ހުންނަވާ ބޭފުޅުން ތިއްބަވާނެ ކަމަށެވެ.
"އޭގެތެރެއިން ނެރެވޭ އެއްޗެއް އަޅުގަނޑު ހިތުން ރައްޔިތުންނަށް އެންމެ ރަނގަޅުވާނެ. ހަމައެކަނި އަޅުގަނޑުމެން ބޭނުންވާ ގޮތް އެކަނި އެއީ ގިނަ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ނުވެދާނެ. އެހެންނަމަވެސް މި ހިޔާލުތައް އެއްކޮށްގެން ކުރާ މަސައްކަތެއް ކުރީމާ، ހިންގާ މަޝްރޫއުތައް ހިންގީމާ ގިނަ ރައްޔިތުންނަށް ގިނަ ރަށަށް އޭގެ ފައިދާ ކުރާނެ،" ރައީސް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވެސް ރައީސް ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު އެއް ބުރުން އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށާއި އެ މަންޒަރު ދަތުރު ކުރައްވާ ރަށްތަކުން ފެނިވަޑައިގަންނަވާ ކަމަށެވެ.