ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނިކުންނަ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އޮތް އިތުބާރެއް، އެހެން ރިޔާސީ ކެންޑިޑޭޓަކަށް އަދި އެހެން ރައީސަކަށް ވެސް ނެތް ކަމަށް ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހު މިއަދު ވަނީ ފުވައްމުލަކު ސިޓީ އަށް ވަޑައިގެންފައެވެ. އެމަނިކުފާނަށް ފުވައްމުލަކުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

ފުވައްމުލަކުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އިސްމާއީލް ވަނީ ރައީސް ސޯލިހުގެ ސަރުކާރުން ފުވައްމުލަކު ސިޓީ އަށް ގެނެސްދީފައިވާ ތަރައްގީގެ ވާހަކަތައް ހިއްސާ ކުރައްވާފައެވެ. އަދި މިހާރުވެސް ކުރަމުން އަންނަ މަސައްކަތްތަކުގެ ވާހަކަތައް އޭނާ ފާހަގަކުރެއްވިއެވެ.

މޭޔަރު ވިދާޅުވި ގޮތުގައި މިއީ މިހާތަނަށް ފުވައްމުލަކަށް މިހާ ގިނަ ތަރައްގީގެ މަޝްރޫއުތަކާއި އަދި ބޭނުން ޖެހިފައިވާ އެހެން ދާއިރާތަކަށް ވެސް އެންމެ ބޮޑަށް އަޅާލި ސަރުކާރެވެ. އެހެންކަމުން މޭޔަރު އިސްމާއީލް ވަނީ ރައީސް ސޯލިހަށް ޝުކުރު އަދާ ކުރައްވާފައެވެ.

މޭޔަރު ވިދާޅުވީ ރައީސް ސޯލިހަށް ފުވައްމުލަކު ރައްޔިތުން ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށެވެ. އެގޮތުން އޭނާ ވަނީ ޖަލްސާ އަށް ހާޒިރުވެފައި ތިބި އާއްމުންގެ ކިބައިން "މި ރައީސް އޯކޭތޯ" ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް އާއްމުން ވަނީ އެއް އަޑަކުން "އޯކޭ" ކަމަށް ބުނެފައެވެ. އަދި ރައީސް ސޯލިހަށް ދެއްވާނީ "އޭ ޕްލަސް" އެއްތޯ "ސީ"އެއްތޯ ސުވާލު ކުރެއްވިއެވެ. ޖަލްސާގައި ތިބި އާއްމުން ވަނީ ރައީސް ސޯލިހާއި އެމަނިކުފާނުގެ ސަރުކާރަށް "އޭ ޕްލަސް"އެއް ދޭން ޖެހޭ ކަމަށް ބުނެފައެވެ.

މޭޔަރު އިސްމާއީލް ވިދާޅުވީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރެއްވުމަށް ފުވައްމުލަކު ރައްޔިތުންނާއި ދިވެހި ރައްޔިތުން ވޯޓު ދޭންވީ މިހާތަނަށް މި ސަރުކާރުން ކޮށްދީފައިވާ ކަންކަމަށް ނޫން ކަމަށެވެ. ވޯޓު ދޭންވީ ކުރިޔަށް އޮތް ދައުރުގެ ވައުދުތައް ފުއްދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.