މިހާރު ކުރިއަށްދާ ކުލަބް މޯލްޑިވްސް އޮފީސް ފުޓްސަލް މުބާރާތުގެ ގުރޫޕް ފަހު މެޗުގައި އެސްޓީއޯ ރިކްރިއޭޝަން ކުލަބުން ޓްރީ ޓޮޕް ހޮސްޕިޓަލް ޓީމުގެ ކޮޅަށް 21 ގޯލު ޖަހައިފިއެވެ.
ހުޅުމާލޭގެ ރެހެންދި ޓާފުގައި އިއްޔެ ހަވީރު އެސްޓީއޯ އަދި ޓްރީޓޮޕް ބައްދަލު ކުރި މެޗު ނިމުނީ 21-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އެސްޓީއޯއިން ވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ގުރޫޕުގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ. އެ ޓީމުން ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކުލަބް އެއާ 0-2 އިން ބަލިކޮށްފައެވެ. އަދި ދެވަނަ މެޗުގައި ޔުނައިޓެޑް ބީއެމްއެލް އަތުން 3-0 އިން ވަނީ މޮޅުވެފައެވެ.
މިހާތަނަށް ހަތަރު ފަހަރު ކުލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފައިވާ އެސްޓީއޯގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ވަނީ ހަތަރު ގޯލު ޖަހައިފައެވެ. އަދި މުހައްމަދު ފާސިރު (ފާއްޓޭ) ދެ ގޯލު ޖަހާފައިވާއިރު، ހުޒައިފަތު ރަޝީރު (ހުޒޭ) މުހައްމަދު އިސާމް މުހައްމަދު ހަފީޒް އަދި މުހައްމަދު ޝާހު ވަނީ ކޮންމެ ކުޅުންތެރިޔަކު ގޯލެއް ޖަހައިފައެވެ. އަދި މުހައްމަދު ސަނީމް އާއި މުހައްމަދު އިސާމް ގެ އިތުރު ދެ ގޯލާއި އިސްމާއިލް އީސާ (މެސީ) ގެ ތިން ގޯލުވެސް ފެނިގެން ދިޔައެވެ. އެ މެޗުގައި ބާކީ ޖެހި ފަސް ގޯލު ޖެހީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ.
އެ މެޗުގައި ޓްރީޓޮޕުން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ ނައުފަލް އަލީއެވެ.
ކުލަބް މޯލްޑިވްސް ކަޕުގައި އިއްޔެ އިތުރު ދެ މެޗެއް ވަނީ ކުޅެފައެވެ. އެގޮތުން ދިވެހި ސިފައިންގެ ކުލަބުން ވަނީ ޕްރިޒަން ކުލަބު 1-2 އިން ބަލިކޮށްފައެވެ. އަދި ފެން ކުލަބުން ވަނީ އާސަންދަ 5-2 އިން ބަލިކޮށްފައެވެ.
އެ މުބާރާތުގައި މިއަދު ހަތަރު މެޗެއް ކުޅޭނެއެވެ. އެގޮތުން ފުރަތަމަ މެޗުގައި ޓީމް ފެނަކައާއި ކްރޮސްރޯޑް ބައްދަލު ކުރާއިރު، ދެވަނަ މެޗުގައި އޭވިއޭޝަން ސެކިއުރިޓީ އަދި މީޑިއާނެޓް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ ކުޅޭ މެޗުތަކުގައި ބައްދަލު ކުރާނީ އާރުއާރުސީ އަދި އީއާރުއެފްސީއާއި ކަސްޓަމްސް އަދި ޓީއެމްއޭއެެވެ.