އިނގިރޭސިވިލާތުގެ ޓޮޓެންހަމް 2.6 ބިލިއަން ޑޮލަރަށް ގަންނަން އެމެރިކާގެ މަޝްހޫރު ރެޕް އާޓިސްޓް ޖޭޒީ ޝައުވެރިކަން ފާޅުކޮށްފިއެވެ.

ޓޮޓެންހަމުގެ މިހާރުގެ އޯނަރު ޖޯ ލުވިސްގެ މައްޗަށް އުފުލާފައިވާ ދައުވާތައް އެމެރިކާގެ ކޯޓުތަކުގައި ކުރިއަށްދާއިރު، މިދިޔަ ހަފުތާ އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން ސެކިއުރިޓީ ފްރޯޑެއްގެ 16 މައްސަލައަކާއި، މަގާމާއި ނުފޫޒު ބޭނުންކޮށްގެން ފައިސާއަށް މަކަރު ހެދި އިތުރު ތިން މައްސަލައެއްގެ މައްސަލަ އޭނަގެ މައްޗަށް ވަނީ އުފުލާފައެވެ. އެ ހުރިހާ ދައުވާއަކަށް ވެސް ޖޯ ލުވިސް އިންކާރު ކޮށްފައިވާ އިރު، ކަފާލާތުގެ ދަށުން އޭނާ މިވަގުތު ހުރީ ދޫކޮށްލައިފައެވެ.

އެހެން ނަމަވެސް މިއަހަރުގެ ތެރޭގައި ޖޯ ލުވިސްއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، އޭނާ ޓޮޓެންހަމް ދޫކޮށްލަފާނެ ކަމުގެ ރިޕޯޓްތައް ވަނީ ފެންމަތިވެފައެވެ. ޓޮޓެންހަމުގެ މާކެޓު ވެލިއު މިހާރު އުޅެނީ 2 ބިލިއަން ޔޫރޯއަށެވެ. އެއާއެކު އެކުލަބު ގަންނަން މިހާރު އަންނަނީ އެކި ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން އެމެރިކާގެ ރެޕް އާޓިސްޓް އަދި ބިލިޔަނަރު ޖޭޒީ ވެސް ވަނީ ޓޮޓެންހަމް ގަންނަން ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ރެޕް ލަވަ ކިޔުމާއި ޕްރޮޑިއުސްކޮށްގެން މަޝްހޫރުކަން ހޯދި ޖޭޒީ ފަހުން ވިޔަފާރީގެ ތެރެއަށް ވަދެ ކުޅިވަރަށް ވެސް ޝައުގު ބެހެއްޓި އިރު، އޭނާއާއި އޭނަގެ އަންހެނުން ބެޔޮންސޭ ގުޅިގެން އަންނަނީ އެމެރިކާގެ އެންބީއޭ ފްރެންޗައިސްއެއް ކަމަށްވާ ބްރޫކްލީން ނެޓްސް ވެސް ހިންގަމުންނެވެ. އެ ދެމަފިރިންނަކީ އެ ކުލަބުގެ ކޯ އޯނަރުންނެވެ.

ފަހަކަށް އައިސް އިނގިރޭސި ޕްރިމިއާ ލީގުގެ ވަރުގަދަ ކުލަބުތަކުގެ އޯނާޝިޕް އެމެރިކާގެ މަހުޖަނުން ނަގަމުން އަންނައިރު، ޖޭޒީ ޓޮޓެންހަމް ގަންނަން ޝައުގުވެރިކަން ހުރީ އެމެރިކާގެ އިތުރު އިންވެސްޓަރުންތަކަކާ ގުޅިގެން ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ޖޭޒީ ވަނީ މީގެ ކުރިންވެސް އިނގިރޭސި ކުލަބެއްގެ ޝެއާ ހޯދަން މަސައްކަތް ކޮށްފައެވެ. ކުރިން އޭނާ މަސައްކަތް ކުރީ ޓޮޓެންހަމްގެ އެންމެ ބޮޑު ވާދަވެރިޔާ އާސެނަލްގެ ޝެއާ ހޯދުމަށެވެ. ޖޭޒީ އާސެނަލްގެ ޝެއާ ހޯދަން ޝައުގު އުފެދުނީ އޭނަގެ ފެވަރިޓް ކުޅުންތެރިޔަކީ ތިއޮރީ އޮންރީ ކަމަށްވާތީ ކަމަށް އޭނާ ވަނީ ކުރިން ބުނެފައެވެ.