ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ މުހައްމަދު ޖަމީލް އަހުމަދު ހަމަޖައްސައިފިއެވެ.

ޔާމީންގެ ރަނިން މޭޓަކަށް ޖަމީލް ހަމަޖައްސަން ނިންމާފައިވާކަން ޕީޕީއެމްގެ ލީޑާޝިޕްގެ އިސްބޭފުޅަކު ވަނީ "ހަތާވިސް" އަށް ޔަގީންކޮށްދެއްވާފައެވެ.

ރަނިން މޭޓަކު ކަނޑައެޅުން ޕީޕީއެމުން އޮތީ ޔާމީނަށް ދެއްވާފައެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ރަނިން މޭޓު ކަނޑައެޅުމުގެ އިހުތިޔާރު ލިބިގެން ވަނީ ރިޔާސީ ކެނޑިޑޭޓަށެވެ. އެހެންވެ ޔާމީން ނިންމެވީ އެމަނިކުފާނުގެ ރަނިން މޭޓަކަށް ޖަމީލް ކަމަށް މައުލޫމާތު ދިން ފަރާތުން ވިދާޅުވިއެވެ.

ވ. އާރަށުގެ ހިޔާނާތުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ޔާމީން ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. މައްސަލަ އިސްތިއުނާފްކުރަން ހައި ކޯޓަށް ހުށަހަޅައިފައިވީ ނަމަވެސް މައްސަލަ އޮތީ ހުއްޓިފައެވެ. ޔާމީންގެ މައްސަލަ ހުއްޓިފައި އޮތީ ފަނޑިޔާރަކު މި މަހުގެ 16އިން ފެށިގެން ޗުއްޓީއަށް ވަޑައިގެންނެވުމުންނެވެ. ޗުއްޓީއަށް ވަޑައިގެންނެވި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ސަލީމެވެ. އޭނާ ޗުއްޓީއަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އަމަލު ކުރަމުން އަންނަ، ދުރާލާ ޗުއްޓީތައް ނެގުމުގެ އުސޫލުގެ ދަށުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުށަހަޅުއްވައިގެން ނެންގެވި ޗުއްޓީއެކެވެ.

އޭގެ އިތުރުން ދަށު ކޯޓުގައި، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަކުރުމާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ މައްސަލަ ވެސް އެބައޮތެވެ.

މި މައްސަލަތައް މިގޮތަށް ހުރުމުން އިންތިހާބުގައި ޔާމީނަށް ވާދަ ކުރެވިދާނެތޯ ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ޖަމީލަކީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޔާމީން ކާމިޔާބު ކުރެއްވިއިރު އޭރުވެސް އެމަނިކުފާނުގެ ރަނިންމޭޓެވެ. އަދި ޔާމީން ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ވެސްމެއެވެ.

ޖަމީލުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރީ ޔާމީންއާއި ދޭތެރޭ ޖެހުނު މައްސަލަތަކަށްފަހުއެވެ. އެއަށް ފަހު އިނގިރޭސިވިލާތުގައި ހުންނަވައިގެން ޔާމީންއާ ދެކޮޅަށް ޖަމީލު މަސައްކަތް ކުރެއްވިއެވެ. މި ސަރުކާރުގެ ގެނައުމަށްޓަކައި ގާސިމްގެ އަރިހުގައި ޖުމްހޫރީ ޕާޓީގައިވެސް މަސައްކަތް ކުރެއްވި ޖަމީލު އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ 2020 ވަނަ އަހަރުއެވެ.