އިޓަލީގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކުލަބު ކަމަށްވާ ޔުވެންޓަސް ޔޫރޮޕުގެ ފުޓުބޯޅައިން އެއް އަހަރަށް ސަސްޕެންޑްކޮށްފިއެވެ.

ޔޫރޮޕިއަން ފުޓުބޯޅައިގެ ބެލެނިވެރިފަރާތް، ޔޫއެފާއިން ޔުވެންޓަސްއާއި ގުޅޭ ފައިނޭންޝިއަލް ފެއާޕްލޭ ގަވާއިދާ ޙިލާފުވި މައްސަލަ ބަލައި ފުރަތަމަ އަދަބު ދީފައިވަނީ މިދިޔަ ސީޒަނުގެ ތެރޭގައެވެ. އިޓަލީގެ ލީގުން އެ ފިޔަވަޅު ޔުވެންޓާސްއަށް އަޅާފައިވަނީ ފުރަތަމަ ފަހަރަށް 15 ޕޮއިންޓް އުނިކޮށްގެންނެވެ. އޭރު ލީގުގެ ދެވަނައިގައި އޮތް ޔުވެންޓަސް ވަނީ އެކަމުގެ ސަބަބުން ތާވަލުގެ 10 ވަނައަށް ވެއްޓިފައެވެ.

ނަމަވެސް ޔުވެންޓަސްއިން އެ މައްސަލަ އިސްތިއުނާފް ކުރުމަށް އެދި އިޓަލީގެ ކޯޓަށް ދިޔައިރު، ކޯޓުން ވަނީ މައްސަލަ ބަލައި ނިމެންދެން އުނިކުރި 15 ޕޮއިންޓް އަނބުރާ ޔުވެންޓަސްއަށް ދީފައެވެ. އެއާއެކު އެ ޓީމު އަލުން ލީގުގެ ތިންވަނައަށް ޖެހިލި އިރު، ލީގު ނިމެން ބާކީ ދެ ހަފުތާއަށް ވެފައިވަނިކޮށް ކޯޓުން ވަނީ ޔުވެންޓަސްއިން ގަވާއިދާ ޚިލާފުވެފައިވާކަން ސާބިތުވާތީ 10 ޕޮއިންޓް އުނިކުރަން ނިންމައިފައެވެ. އެކަމުގެ ސަބަބުން އެ ޓީމުން ލީގު ނިންމާލީ ހަތްވަނައިގައެވެ. އެއާއެކު އެ ޓީމު އޮތީ ޔޫއެފާގެ ތިންވަނަ ލީގު، ޔޫއެފާ ކޮންފަރެންސް ލީގަށް ކޮލިފައިވެފައެވެ.

ނަމަވެސް އިއްޔެ ޔޫއެފާއިން ވަނީ ޔުވެންޓަސްއަށް އަންނަ ސީޒަނުގައި ޔޫރޮޕުގެ އެއްވެސް މުބާރާތެއްގައި އެއް އަހަރު ވަންދެން ބައިވެރިނުވެވޭނެ ކަން ހާމަކޮށް ޖޫރިމަނާގެ ގޮތުގައި 21 މިލިއަން ޑޮލަރު ދައްކަން އަންގައިފައެވެ. އެހެންކަމުން ޔުވެންޓަސްއަށް ދެން ޔޫރޮޕުގެ ފުޓުބޯޅައިގައި އަންނަ ސީޒަނަށްފަހު ވެސް ވާދަކުރެވޭނީ އެ ފައިސާ ދެއްކުމުންނެވެ.

ޔޫއެފާއިން ވަނީ ޔުވެންޓަސްގެ އިތުރުން ޗެލްސީވެސް ޖޫރިމަނާކޮށްފައެވެ. ޗެލްސީ ޖޫރިމަނާކޮށްފައިވަނީ އެ ކުލަބުން މާލީ ލިޔެކިޔުންތައް ފުރިހަމަ ކޮށްފައި ނުވާތީއެވެ. މީގެ ކުރިން ވެސް އެކަމުގެ ސަބަބުން ޗެލްސީއަށް އަދަބުތަކެއް ލިބިފައިވާ އިރު، މިފަހަރު އެކުލަބު ޖޫރިމަނާ ކުރީ 11 މިލިއަން ޑޮލަރުންނެވެ.

ދެ ކްލަބަށް ޔޫއެފާ އިން އަދަބުދިނީ 2012 އިން 2019 ވަނަ އަހަރާއި ދެމެދު ހިނގާފައިވާ ކަންކަމަށް ބެލުމަށް ފަހު އެވެ.