ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ވެލެންސިއާގެ ކުޅުންތެރިންތަކަކަށް މިހާރު ފެތުރެމުންދާ ރޯގާއާއި ހުން ޖެހި މިއަދުގެ ދިވެހި ޕްރިމިއާ ލީގު މެޗު ކުޅެވޭ ވަރަށް ކުޅުންތެރިން ހަމަވެފައި ނުވާތީ އެ ޓީމު ކުޅެން އޮތް މެޗުން މާޒިޔާ މޮޅުވީ ކަމަށް ނިންމައިފިއެވެ.
މިފަހުން މާލޭގައި ފެތުރެން ފެށި ރޯގާގެ ސަބަބުން މިނިވަންދުވަހުގެ ބައެއް ހަރަކާތްތައް ވެސް ކެންސަލްކޮށްފައިވާ އިރު، މިނިވަންދުވަހުގެ ހަރަކާތަށް ގަލޮޅު ދަނޑު ބޭނުންކުރާތީ ދިވެހި ލީގު މެދުކެނދުމަކަށްފަހު މިއަދު ވަނީ ފެށުމަށް ހަމަޖައްސައިފައެވެ. އެގޮތުން އެއްވަނައިގައި އޮތް މާޒިޔާއާއި ވެލެންސިއާގެ މެޗުން ލީގު މިއަދު ހަވީރު ފަށަން އޮތީ ތާވަލުކޮށްފައެވެ.
ނަމަވެސް މެޗު ފެށެން ކުޑަތަން ވެފައިވަނިކޮށް ވެލެންސިއާއިން ވަނީ އެ ޓީމުގެ ކުޅުންތެރިންނަށް މި ފެތުރޭ ރޯގާ ޖެހިގެން ބަލިވެފައިވާ ކަމަށް ބުނެ މެޗި ކުޅެވެން ނެތްކަމަށް މުބާރާތުގެ އިންތިޒާމީ ކޮމިޓީއަށް އަންގައިފައެވެ. އެކަމާ ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކެއްޓަރީ ހުސައިން ޖަވާޒް (ޖަވާ) މިއަދު އެފްއޭއެމްގެ މީޑިއާ ގުރޫޕުގައި ވިދާޅުވީ މެޗު ފެށެން މިހާ ކައިރިވެފައިވަނިކޮށް އެކަން އެންގުމުން މެޗުން ވެލެންސިއާ ފޯފިޓް ކުރީ ކަމަށް ނިންމާފައިވާ ކަމަށެވެ.
"ކުލަބް ވެލެންސިއާއި މިއަދުގެ މެޗަށް ހާޒިރުވެ ގިނަ ކުޅުންތެރިންނަށް މިވަގުތު ފެތުރެމުންދާ ރޯގާ ޖެހިގެން ގިނަ ކުޅުންތެރިންތަކެއް ބަލިވެފައިވާ ކަމަށް އަންގާފައިވޭ. ނަމަވެސް މެޗު ފެށުމަށް މިހާ ކައިރިވެފައިވަނިކޮށް މިގޮތަށް އަންގާފައިވާތީ މިމެޗުން ވެލެންސިއާ ފޯފިޓްކޮށްފައިވާ ކަމަށް މުބާރާތުގެ ކޮމިޓީން މި މެޗު މުބާރާތުގެ ގަވާއިދާ އެއްގޮތަށް މާޒިޔާއަށް މެޗު ލިބުނު ކަމަށް ނިންމާފައިވޭ." ޖަވާ ވިދާޅުވިއެވެ.
އޭގެ ފަހުން އެ ކްލަބުން ނެރުނު ބަޔާނުގައި ބުނީ އެހެން ދިމާވީ މާލޭގައި މިހާރު ފެތުރެމުންދާ ހުމުގެ ރޯގާ ޖެހި އެ ކްލަބްގެ ގިނަ ކުޅުންތެރިން ހުން އައިސް ހޮޑުލައި ބޭރަށްހިންގާތީ ކަމަށެވެ.
"ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅެން އޮތް މެޗަށް މި ކްލަބްގެ އޮފިޝަލުންނާއި ހާޒިރުވެވެން ތިބި ކުޅުންތެރިން ވަނީ ދަނޑަށް ހާޒިރުވާން އޮންނަ ގަޑިއަށް ދަނޑަށް ދިއުމަށްފަހު އެކަން މުބާރާތް ހިންގާ ފަރާތްތަކަށް ރިޕޯޓްކޮށްފަ އެވެ. ނަމަވެސް މެޗެއް ފުރިހަމަކުރުމަށް ބޭނުންވާ އެންމެ އަސާސީ މިންވަރުކަމަށްވާ 11 ކުޅުންތެރިން މިއަދުގެ މެޗަށް ހަމަކުރެވޭ ގިތް ނުވީ އެވެ." ހުމުގެ ރޯގާގެ އަސަރުކޮށްގެން ކުޅުންތެރިން ބަލިވެ އުޅޭކަން ހާމަކުރުމުގެ ގޮތުން ވެލެންސިއާއިން ނެރުނު ބަޔާނުގައި ވެއެވެ.
ލީގުގައި މިރޭ، ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނަ އީގަލްސްގެ ޓީމަށް ވެސް ހުމުގެ ރޯގާގެ އަސަރުކޮށްފައިވާ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ބުންޏެވެ.