މާލެ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރު ވެފައިވާތީ، މިނިވަން ދުވަހާއި ގުޅިގެން ބާއްވަން އިއްޔެ ހުޅުވަން ނިންމި މިނިވަން އުފާ ކާނިވާ ހުޅުވުން ފަސް ކުރުމަށްފަހު މިއަދު ކާނިވާ ހުޅުވަން ނިންމައިފިއެވެ.

އާބަންކޯ އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިނިވަން އުފާ ކާނިވާ މިރޭ 20:00 ގައި ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކާނިވަލްގެ ތައްޔާރީތަކަށް ހުޅުމާލެ ސެންޓަރަލް ޕާކު ސަރަހައްދު މިއަދު ހަވީރު 16.00 އިން ފެށިގެން ބަންދުވާނެ ކަމަށެވެ.

އަންނަ މަހުގެ ތިންވަނަ ދުވަހަށް ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ކާނިވަލުގައި އާންމުނަށް ބައިވެރި ވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

މިގޮތުން، ކާނިވަލް ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓްތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާއި އެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް އަދި ހަވާ އެރުވުން ހިމެނެއެވެ.

އަދި ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒާ ޓެގް ގެ ހަރަކާތްތައް ހިމެނިފައިވެއެވެ. މިނިވަން އުފާ ކާނިވަލްގެ ހަރަކާތްތައް އިންތިޒާމް ކުރެވިފައި ވަނީ ހުރިހާ އުމުރުފުރައެއްގެ ބޭފުޅުންނަށް ވެސް ބައިވެރިވެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިމަނައިގެންނެވެ.

އަދި މުޅި ޕާކު ކާނިވަލެއް ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކޮށްފައިވާއިރު، ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށްލުމަށް ހާއްސަ ޒޯންއެއް ވެސް ޕާކުގައި ހުންނާނެއެވެ.

ވަނުން މުޅިން ހިލޭ މި ކާނިވަލްގައި، ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ހާއްސަގުރުއަތެއް ނެގުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ކިއު.އާރް ކޯޑެއް މެދުވެރިކޮށް ރަޖިސްޓަރ ކޮށްލުމުން މި ގުރުއަތުގައި ބަައިވެރިވެގެން، އުރީދޫގެ ހެޔޮ އެދުންތަކާއި އެކުއިންޑޮނީސިއާގެ ބާލީއަށް 7 ރޭ، އެކޮމޮޑޭޝަން އަދި ޓްރާންސްޕޯޓާއި އެކު ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރާއްޖެ މިނިވަން ވިތާ 58 އަހަރު ފުރުމުގެ ގޮތުން، މިއަހަރު ގިނަ ހަރަކާތްތަކެއް ރޭވިގެން ކުރިއަށް ދާއިރު، މިނިވަން އުފާ ކާނިވަލް 2023 ވެގެން ދާނީ، މުޅިން ތަފާތު، މަޖާ އަދި ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށްލަން ކޮންމެހެން ވެސް ޒިޔާރަތް ކުރަން ޖެހޭ ތަނަކަށް ކަމަށް އާބަންކޯ އިން ބުނެއެވެ.