ރާއްޖޭގެ ފުރަތަމަ "ސްމާޓް ސްޓޯރު" މިއަދު ހުޅުމާލޭގައި އެސްޓީއޯއިން ހުޅުވައިފިއެވެ.
ހުޅުމާލެ "ސެންޓްރަލް މޯކް" ހުންނަ ސަރަހައްދުގައި އެ ފިހާރަ މިއަދު ހެނދުނު ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
މި ފިހާރާއަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކޭޝިޔަރަކުގެ އެހީއާ ނުލައި ވިޔަފާރި ކުރެވޭ ގޮތަށް ހަދާފައިވާ ފިހާރައެކެވެ. މި ފިހާރައިގައި 40 ކެމެރާ ހަރުކޮށްފައިވާނެއެވެ. ކެމެރާ އާއި މުދާ ހަރުގަނޑުތަކުގައި ހަރުކޮށްފައިވާ ސެންސަރތަކުން ކަސްޓަމަރު ގަންނަ ޕްރޮޓަކްޓް ދެނެގަންނާނެއެވެ.
އެ ފިހާރާއިން ވިޔަފާރި ކުރެވޭނީ އެސްޓީއޯ ސްމާޓް ސްޓޯރު އެޕްލިކޭޝަނަށް ރަޖީސްޓްރީވުމަށް ފަހުއެވެ. އެ އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރާއި އައިޓިއުން ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.
[caption id="attachment_55718" align="alignnone" width="1024"] ސުމާޓް ސްޓޯރު ހުޅުވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ-- ހަތާވީސް ފޮޓޯ/ ޙުސައިން ޙަސަން[/caption]
ޑައުންލޯޑްކުރުމަށް ފަހު ކާޑުގެ މައުލޫމާތު އެޕްލިކޭޝަނަށް އެންޓާ ކުރުމުން ރަޖިސްޓްރީ ކުރެވިގެންދާނެއެވެ. އެ ހިދުމަތަށް ތިން ރުފިޔާ ޗާޖް ކުރިޔަސް ފުރަތަމަ ޓްރާންސެކްޝަނާ އެކު ފައިސާ އަނބުރާ ލިބޭނެއެވެ.
އެޕްގައި ހުންނަ ކިއުއާރް ކޯޑު ސްކޭން ކޮށްލުމުން ފިހާރައަށް ވަދެވޭނެއެވެ. ފޭސް ރިކޮގްނިޝަން މެދުވެރިކޮށްވެސް ފިހާރައަށް ވަނދެވޭނެއެވެ. ފިހާރައިން ނަގާ މުދާ ވަގުތުން ވާޗުއަލް ކާޑަކަށް އެޑްވަމުންދާނެއެވެ. އަނބުރާ އެ މުދަލެއް ހަރުގަނޑަށްލުމުން ކާޑުން އެ މުދާ އުނިވެގެންދާނެއެވެ.
ކަސްޓަމަރު ފިހަރާއިން ނުކުންނަ ހިސާބުން ކަސްޓަމަރު ނެގި މުދާލަށްވާ ފައިސާ ކެނޑޭނެއެވެ.
އެސްޓީއޯއިން ބުނީ އެ ފިހާރާއާ އެކު ކިޔޫގައި ޖެހިގެން ވިޔަފާރިކުރަން ޖެހޭ ވަގުތުތައް ކުޑަވެގެންދާނެ ކަމަށެވެ.
[caption id="attachment_55722" align="alignnone" width="1024"] ހުޅުމާލޭގައި ހުޅުވި "ސްމާޓް ސްޓޯރު": މިއީ ދެކުނު އޭޝިއާގައި ހުޅުވި މިފަދަ އެންމެ ބޮޑު ފިހާރަ-- ހަތާވީސް ފޮޓޯ/ ޙުސައިން ޙަސަން[/caption]
ފިހާރަ ހުޅުއްވައި ދެއްވުމަށްފަހު، ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ރާއްޖޭގެ ޒުވާނުންނަކީ ޓެކްނޮލޮޖީގެ ގޮތުން ދުނިޔެއަށް އަންނަ ބަދަލުތަކަށް ވަރަށް އަވަހަށް އަހުލުވެރިވެގެންދާ ބައެއް ކަމަށެވެ. ސްމާޓް ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފާހަގަ ކުރައްވައި، ފައިސަލް ވިދާޅުވީ އެ ދާއިރާއިން ރާއްޖެއިން ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށެވެ.