މިނިވަންކަމާއި ގައުމުގެ ހަމަޖެހުން ދެމެހެއްޓުމަށް ތަފާތު ހިޔާލުތަކަށް ޖާގަ ދޭންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި 59 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ދެއްވި ޔަގީންކަމަކީ
މިސަރުކާރުން އަބަދުވެސް އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ރާއްޖޭގެ ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ހިމެނޭކަމެވެ.
ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ އާލާތްތައް ހޯދާ، ޒަމާނީ ކުރުމާއި ގައުމަށް ދިމާވެދާނެ ކޮންމެ ނުރައްކަލަކަށް ތައްޔާރު ވުމަށް ބޭނުންވާ ވަސީލަތްތަކާއި، ތަމްރީނު ހޯދައިދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށް ވިދާޅުވިއެވެ. ވިދާޅުވީ މިނިވަންކަމަކީ ހަމައެކަނި އަސްކަރީ ބާރާއި ގުޅިފައިވާކަމެއްނޫން ކަމަށެވެ. މުޅި ދިވެހި މުޖުތަމައާއި ދިވެހި ކޮންމެ ރައްޔިތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ.
ރައްޔިތުންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އަދުލު އިންސާފް ގާއިމްވުމާއި، ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ހޯދައި ދިނުމާއި، ވިޔަފާރިއާއި އިގްތިސާދުގައި ރައްޔިތުންނަށް ބައިވެރިވެވޭނެ ފަހި މާހައުލެއް އޮތުމާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުވުމަކީވެސް ގައުމުގެ މިނިވަންކަމާއި ގުޅިފައިވާ މުހިންމު ކަންކަމުގައި މާރިޔާ ފާހަގަކުރެއްވިއެވެ.
" ތަފާތު ހިޔާލުތަކަށް ޖާގަދީ، އެކަކު އަނެކަކަށް އިހްތިރާމްކޮށް، ގުޅިގެން މަސައްކަތް ކުރުމަކީ މިނިވަންކަމާއި ގައުމުގެ ހަމަޖެހުން ދެމެހެއްޓުމަށް މުހިންމު ކަމެއް، އަޅުގަނޑުމެންނަށް މިހާތަނަށް ހޯދިފައިވާ ކާމިޔާބީތައް ފާހަގަކޮށް އުފާކުރާއިރު، އަޅުގަނޑުމެން ކުރިމަގަށް ވިސްނަންޖެހޭ ކަންކަންވެސް އެހާމެ ގިނަ" ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވީ ބަދަލުވަމުންދާ ސަރަހައްދީ މާހައުލާއި، އިސްތިރާޖީ ހަލަބޮލިކަމުގެ ތެރެއިން، ގައުމު ކުރާ ދަތުރު އަމާންކަމާ އޮމާންކަމާ ހަމަޖެހުމާއެކު ކުރިއަށް ގެންދިއުމުގެ ހަކަތަޔަކީ އެއްބައިވަންތަކަން ކަމަށެވެ. ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، ދިވެހިންގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް، އިހްތިރާމާއި ގަދަރު ލިބިފައިވާ، ޝަރަފްވެރި ދައުލަތެއްގެ ގޮތުގައި ރާއްޖެއިން ގަބޫލުކުރާ ހަމަތަކާއި އުސޫލުތައް ނަގަހައްޓާ ދަމަހައްޓަންޖެހޭ ކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގެ މިނިވަން ފަޒާގައި ދިވެހި ދިދަ ވިހުރުވާ، ފަހުރާއެކު އަޅުގަނޑުމެންގެ ގައުމީ ސަލާމުގެ އަޑު ދުނިޔެއަށް އިއްވާއިރު، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ފަރުދަކީވެސް މި ގައުމުގެ މުސްތަގުބަލު ބިނާ ކުރުމުގައި މުހިންމު ޒިންމާއެއް އޮތް މީހެއްކަން ގަބޫލުކުރުމަކީވެސް ހަމަ އެހާމެ މުހިންމު ކަމެއް" މާރިޔާ ވިދާޅުވިއެވެ.