މިދިޔަ ފަސް އަހަރަކީ ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ
ދިވެހިން އެދިއެދި ތިބި މަންޒިލަކީ 21 ވަނަ ގަރުނުގެ ތަރައްގީ ކަމަށައީ އެ މަންޒިލާ ދިވެހި ރައްޔިތުންނާ ދެމެދަށް ހުރަހަކަށް އޮތީ ރައްޔިތުން އުޅެންޖެހިފައިވާ ހާލަތު ކަމަށެވެ. އެކަމަކު މިދިޔަ ފަސް އަހަރުގެ ތެރޭގައި، އަމާޒަކަށް ހެދީ، އެ ހާލަތު ބަދަލުކޮށް ތަރައްގީގެ ސަރާސަރު ރާސްތާއަށް ދިވެހިން ނެރެދިނުން ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިނިވަންކަމުގެ ހަގީގީ އުފަލަކީ، އެ މީހެއްގެ ޒާތަށް ލިބެންޖެހޭ މިނިވަންކަން ހާސިލުވުމުގެ އުފާ ކަމަށެވެ.
"މިނިވަންކަންމަތީގައި ގައުމު ދެމިއޮތަސް، ގައުމީ ދިދައިގެ ހިޔަލުގައި ވެގެން އުޅޭ ރައްޔިތުންގެ ޒާތަށް ލިބެންޖެހޭ މިނިވަންކަމަކީ މުޅިން ތަފާތު އެއްޗެއް" ރައީސް ވިދާޅުވިއެވެ. އެއީ އެ ފަރުދެއްގެ ދިރިހުރުމާއި ދިރިއުޅުމުގެ ހައްގާ ގުޅިފައިވާ އަސާސީ އަދި ޒަރޫރީ މުހުތާދުތައް ފިލުވޭނެ ގޮތާއި ކޮންމެ ރައްޔިތަކަށް ދައުލަތުގެ ފަރާތުން ހަމަޖައްސައިދީފައި އޮންނަ އޮތުން ކަމަށް ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީހަށް ބަލާއިރު، މިދިޔަ ފަސް އަހަރަކީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރު. ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރު" ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ސޯލިހު ވިދާޅުވިއެވެ.
މިއީ ހާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު ކަމަށާއި ދާހިލީ މިނިވަންކަން އެންމެ ފުޅާގޮތެއްގައި ލިބިދެވުނު ފަސް އަހަރުގެ އިތުރުން ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިނިވަންކަމުގެ މަދަނީ އައްޑަނައަކީ ރައްޔިތުންގެ ހިތްތަކުގައި އޮންނަ ގައުމީ ލޯތްބެވެ. އެ އައްޑަނައިން ރައްކާތެރިކޮށްދޭ މިނިވަންކަމުގެ ބިންގަލަކީ ދާހިލީ ހަމަޖެހުމާއި އެ ބިންގަލުގެ މަތީގައި ބިނާކުރާ ގައުމިއްޔަތުގެ ކުރިބޯއްޓަކީ، ރައްޔިތުންގެ މެދުގައި އޮންނަ ސުލްހަމަސަލަސްކަމާއި އަމާންކަމާއި އެކުވެރިކަން ކަމަށެވެ.
"ހަމައެކަނި ބޮޑުތަކުރުފާނުގެ ސީރަތަށް އަޅުގަނޑުމެން ނަޒަރު ހިންގިޔަސް، އެ ރަދުންގެ މިނިވަން ޖިހާދުގެ އިހާއި ފަހުގެ ސަފުހާތަކުން ވެސް ފެންނަނީ، މިނިވަންކަމުގެ މި ދެންނެވި ބަހާތައް" ރައީސް ވިދާޅުވިއެވެ.
"ދެ ޙާޖީންނާއި ދަންޑެހެލާ ގޮވައިގެން އުތީމުގެ ޒުވާން ތިން ބަތަލުން، މަލިކައްޑޫގައި ކުރެއްވި ޤައުމީ ޖިހާދުގެ ކޮންމެ ދުވަހެއް އަދި ކޮންމެ ހިނދުކޮޅެއް، އެ ރަދުން ހޭދަކުރެއްވީ ދިވެހިން އެއްބައިވަންތަކޮށް އެކުވެރި ކުރެއްވުމަށް" ރައީސް ވިދާޅުވިއެވެ.