މި އަަހަރުގެ ރިޔާސީ އިންތިހާބަށް އެމްއާރްއެމްއިން ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދޭނެ ގޮތަކާ މެދު މަޝްވަރާ ކުރަން ފަށައިފިއެވެ.

އެ މަޝްވަރާތަކެއް ނުރަސްމީކޮށް ކުރެވެމުންދާތާ ދުވަސްތަކެއްވެއްޖެއެވެ. ނަމަވެސް މިއަދު ދެ ޕާޓީން މ. ކުނޫޒް ގައި ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވީ އެމްއާރްއެމްއާ އެކު މަޝްވަރާ ކުރެވެނީ ރިޔާސީ އިންތިހާބުގައި ދެ ޕާޓީއަށް ގުޅިގެން މަސައްކަތްކުރުވޭން އޮތް ފުރުސަތު ދެނެގަތުމަށާއި އެކުގައި ކުރިއަށް ދެވެން އޮތް ފުރުސަތުތަކާއި ގުޅިގެން ކަމަށެވެ.

ޖޭޕީ އާއި އެމްއާރްއެމް އަކީ މީގެ ކުރިންވެ އެކުގައި މަސައްކަތްކުރެވިފައިވާ ދެ ޕާޓީއަށް ވާތީވެ ދެ ޕާޓީ ގުޅިގެން މަސައްކަތްކުރުމުގެ އުއްްމީދު ބޮޑު ކަމަށް ވިދާޅުވިއެވެ. އެމްއާރްއެމްއާ ޖޭޕީ އަކީ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ދެ ޕާޓީއެވެ.

"... އަޅުގަނޑުމެންގެ ސިޔާސަތުތަކާއި އަޅުގަނޑުމެން ގަބޫލުކުރާ ގަބޫލުކުރުންތަކުގައި ހުރި އެއްގޮތް ކަމާއި ތަފާތުކުރުންތަކުގައި މި ކަންކަން އެއް ޕޭޖަކަށް ގެންނަން އަޅުގަނޑުމެން ދެބައި މީހުންގެ ވިސްނުން އެއްގޮތް ކުރުން" ޖޭޕީގެ ޑެޕިއުޓީ ލީޑަރު ވިދާޅުވިއެވެ.

އެމްއާރްއެމްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވިދާޅުވީ ކުރެވުނީ ވަރަށް އުއްމީދީ މަޝްވަރާތަކެއް ކަމަށެވެ. އެކުގައި މަސައްކަތްކުރެވޭ ހާލަތަކަށް ދިޔުމަށްޓަކައި އެންމެ ބޮޑު އިސްކަމެއްދެނީ ރައްޔިތުން އެދޭ އިސްލާހި ބަދަލުތަކެއް ގެނައުން ކަމަށް ވިދާޅުވިއެވެ.

" އަޅުގަަނޑުމެން (އެމްއާރްއެމް) އެދުމަކީ މަސައްކަތްކުރެވޭނެ ހާލަތަކަށް އައުމަށްޓަކައި ދެ ފަރާތުންވެސް އެއްބަސްވުން" އެމްއާރްއެމަށް ކެނޑިޑޭޓަކު ނެރެން ފުރުސަތު އިލެކްޝަން ކޮމިޝަނުން ނުލިބިއްޖެ ހާލަތެއްގައި އަމިއްލަ ގޮތުން ވާދަކުރައްވަން މަސައްކަތްކުރައްވަމުން ގެންދަވާ ފާރިސް ވިދާޅުވިއެވެ.

މަޝްވަރާތަކެއް ކުރެވުނަސް ކޮމަން އެއް ކެނޑިޑޭޓަކު ނެރެން މި ދެ ޕާޓީން އަދި މިހާތަނަށް އެއްބަސްވެފައިނުވެއެވެ. ޖޭޕީގެ ޓިކެޓް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވަނީ އަރުވާފައެވެ.