ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ ސިއްހީ ހާލު ހުރި ގޮތުން ރާއްޖެ އިން ބޭރަށް ބޭސްފަރުވާ ކުރަން ދިއުމުގެ ހުއްދަ ދިން މުއްދަތު ކަރެކްޝަނުން އިތުރުކޮށްފިއެވެ.

މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ގެންދާ އަދީވު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތީ ކަރެކްޝަންސްގެ ހުއްދައާ އެކު މި މަހުގެ 12 ވަނަ ދުވަހުއެވެ.

ބޭސް ފަރުވާއަށް ސިންގަޕޫރަށް ދިޔުމުގެ ހުއްދަ އަދީބަށް ކަރެކްޝަނުން ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކުއެވެ.

ކަރެކްޝަންގެ އޮފިޝަލަކު "ހަތާވިސް" އަށް ވިދާޅުވީ ހަދަން ޖެހޭ ޓެސްޓުތައް ނުނިމޭތީވެ ބޭރުގައި ހުނަން ޖެހޭ މުއްދަތު އިތުރުކޮށްފައިވާ ކަމަށެެވެ. އިތުރުކޮށްފައި ވަނީ އަންނަ މަހުގެ 28 އާ ހަަމަޔަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އަދީބަށް ކުރި ހަތް ދައުވާ އަށް ކަނޑައެޅި އަދަބުތައް:
1) ހިޔާނާތުގައި ބައިވެރިވުމުގެ ދައުވާ: ހަތަރު އަހަރާއި ނުވަ މަހާއި ދެ ދުވަސް

2) ހިޔާނާތުގައި ބައިވެރިވުމުގެ ދައުވާ: ދެ އަހަރާއި ހަތަރު މަހާއި 24 ދުވަސް

3) މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުން: ހަ މަސް ދުވަހަށް ޖަލަށް

4) ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން: ތިން މަސް ދުވަހަށް ޖަލަށް

5) މަނީ ލޯންޑާކުރުން: ފަސް އަހަރާއި 11 މަހާއި ހަ ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުން،

6) މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުން: އެއް މަހާއި 15 ދުވަހަށް ޖަލަށް

7) މަނީ ލޯންޑާކުރުން: ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް

އަދީބު ވަނީ މީގެކުރިން ކުރެވުނު ކުށްތަކަށް ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދިފައި

އަދީބު ވަނީ އެމްއެމްޕީއާރްސީ މައްސަލާގައި ދައުލަތަށް އޭނާގެ ފަރާތުން އެއްބާރުލުން ދެމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.

އަދި ވިދާޅުވީ މީގެކުރިން ކުރެވުނު ކުށްތަކަށް ތައުބާވެ ވަޑައިގެންފައިވާ ކަމަށެވެ. އަދި އޭނާ އަށް މީގެކުރިން ކުރެވުނު ކުށްތަކަށް ދިވެހި ރައްޔިތުންގެ އަރިހުން މައާފަށް އެދިލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ކަންކަން ހިނގާފައިވާ ގޮތް ކިޔައިދިނުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

އަދީބު ވިދާޅުވީ ޖަލުގައި ހޭދަ ކުރި ދުވަސްތަކުގައި ވެސް އޭނާ އަށް ކުރެވުނު ކަންކަމާއި މެދު ހިތާމަ ކުރެއްވި ކަމަށެވެ.
"އަޅުގަނޑު ޖަލުގައި އޮތް އިރުވެސް މިކަމާ ހިތާމަ ކުރަން. އަޅުގަނޑު ވަނީ ޖަލުގައި އޮތް އިރު މިކަމަށް ތައުބާވެ، މިކަމާ ހިތާމަކޮށް ދިވެހި ރައްޔިތުންނާއި ދައުލަތުގެ ކިބައިން މައާފަށް އެދެން،" އަދީބު ވިދާޅުވިއެވެ.
މިއީ މި މައްސަލާގައި އަދީބު ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދިލެއްވި ފުރަތަމަ ފަހަރެވެ.