ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީންގެ ރަނިންމޭޓަކު ކަނޑައެޅުމުގެ އިހްތިޔާރު ޕާޓީން އެމަނިކުފާނަށް ދޫކޮށްލައްވައިފިއެވެ.

ބައެއް މީޑިއާތަކުގައި މިހާރު އަންނަނީ ޔާމީންގެ ރަނިންމޭޓު ކަމަށް ބޭފުޅަކު ހަމަޖައްސަވާފައިވާ ކަމަށް ބުނެ ރިޕޯޓު ކުރަމުންނެވެ.

ނަމަވެސް މިރޭ ޕީޕީއެމްގެ އެސްޖީ ތޮލާލް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރަނިން މޭޓަކު ކަނޑައެޅުމަކީ ޕާޓީގެ އަސާސީ ޤަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިޚުތިޔާރަކަށްވީ ނަމަވެސް، ލީޑާޝިޕްގެ ފަރާތުން ނަންތަކެއް ފޮނުވުމަށް ރައީސް ޔާމީން ލީޑާޝިޕްގައި އެދިވަޑައިންފައިވާ ކަމަށެވެ.

އެހެންނަމަވެސް، ރަނިންގމޭޓު ކަނޑައެޅުމަކީ ޕާޓިގެ އަސާސީ ޤަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިޚުތިޔާރަކަށް ވާތީ، ލީޑަރޝިޕްގެ ފަރާތުން ވަކި ނަންތަކެއް ދިނުމުގެ ބަދަލުގައި ރިޔާސީ ކެންޑިޑޭޓް ބޭފުޅަކު ޚިޔާރު ކުރެއްވުމަށް ދަންނަވަން ލީޑަރޝިޕްގެ އިއްތިފާޤުން މިރޭ ނިންމާފައިވާ ކަމަށް ތޮލާލް ވިދާޅުވިއެވެ.

”އެހެންކަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓަކަށް ވަކި ބޭފުޅަކު ކަނޑައެޅިފައި ނުވެއެވެ.” ތޮލާލް ވިދާޅުވިއެވެ.
ވ. އާރަށުގެ ހިޔާނާތުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ޔާމީން ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. މައްސަލަ އިސްތިއުނާފްކުރަން ހައި ކޯޓަށް ހުށަހަޅައިފައިވީ ނަމަވެސް މައްސަލަ އޮތީ ހުއްޓިފައެވެ. ޔާމީންގެ މައްސަލަ ހުއްޓިފައި އޮތީ ފަނޑިޔާރަކު މި މަހުގެ 16އިން ފެށިގެން ޗުއްޓީއަށް ވަޑައިގެންނެވުމުންނެވެ. ޗުއްޓީއަށް ވަޑައިގެންނެވި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ސަލީމެވެ. އޭނާ ޗުއްޓީއަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އަމަލު ކުރަމުން އަންނަ، ދުރާލާ ޗުއްޓީތައް ނެގުމުގެ އުސޫލުގެ ދަށުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުށަހަޅުއްވައިގެން ނެންގެވި ޗުއްޓީއެކެވެ.
އޭގެ އިތުރުން ދަށު ކޯޓުގައި، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަކުރުމާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ މައްސަލަ ވެސް އެބައޮތެވެ.
މި މައްސަލަތައް މިގޮތަށް ހުރުމުން އިންތިހާބުގައި ޔާމީނަށް ވާދަ ކުރެވިދާނެތޯ ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ