އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރިޔަސް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި ރައްޔިތުން ތިބީ އޭނާއާ އެކު ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެއެވެ.
އާއިލީ ޒިންމާގައި މި ވަގުތު ހުންނެވި ފުއާދުގެ އިތުބާރު ނެތް ކަމަށް ކޮމިޝަނުން ފާސޮށްފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނައިބް ރައީސް އިސްމާއިލް ހަބީބެވެ. ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ ހަބީބް ފިޔަވާ ބާކީ ތިބި ތިން މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ ޑރ. މުހައްމަދު ޒާހިރު އަލީ ނަޝާތާއި އަދި މުހައްމަދު އާސިފެވެ.
ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރިޔަސް ގާނޫނުގައި ބުނާ ގޮތުންނަމަ މެމްބަރުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންކަމުން އިތުބާރު ނެތްކަމަށް ފާސްކުރިޔަސް ފުއާދުގެ މަގާމެއް ނުގެއްލޭނެއެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން އިސްތިއުފާ ދޭން ޖެހޭ ކަމަށް. ވަކި ކުރަން ޖެހޭނީ މަޖިލީހުން" އިތުބާރު ނެތްކަމަށް ފާސްކުރުމުން އިސްތިއުފާ ދެއްވާނަންތޯ "ހަތާވީސް" އިން ކުރި ސުވާލަށް ފުއާދު ދެއްވި ޖަވާބަކީ މިއެވެ.
ވިދާޅުވީ އިންތިހާބަށް ކުޑަތަންވެފައި އޮއްވާ އެފަދަ ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އިތުބާރު ނެތްކަމަށް ނިންމިޔަސް ޒިންމާ އަދާކުރުމުގައި ދެމި ހުންނަވާނެ ކަމަށެވެ. ވިދާޅުވީ ހަމައެކަނި އޭނާއާ ދެކޮޅުވެގެން އުޅުއްވަނީ ވޯޓު ދެއްވި މެމްބަރުން ކަމަށެވެ.
"އިލެކްޝަން ކޮމިޝަންގެ މުވައްޒަފުން ތިބީ އަޅުގަނޑާ އެކު، ދިވެހި ރައްޔިތުން ތިއްބެވީ އަޅުގަނޑާއެކު. އެހެންވީމާ އަަޅުގަނޑުގެ ޒިންމާ ފުރިހަމަ އަށް އަދާކުރާނަން" ފުއާދު ވިދާޅުވިއެވެ. އިންތިހާބު މިހާ ގާތްވެފައި އޮއްވާ އެފަދަ ނިންމުމެއް ނިންމި ސަބަބާއި މެދު ފުއާދު ސުވާލު އުފެއްދެވިއެވެ.
ފުއާދާ މެދު މެމްބަރުންގެ ނުރުހުން އަމާޒުވާން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ މަރުހަލާގައި ހިނގައިދިޔަ ކަންކަމާއި ގުޅިގެންނެވެ. އޭރ މެމްބަރުން ތުހުމަތުކޮށްފައިވާ ގޮތުން ފުއާދަ އަވަސް އަރުވާލައިގެން ޕާޓީ އުފައްދަން އުޅުނީ ނުފޫޒެއްގެ ދަށުގައި ހުންނެވެމުންނެވެ. އެކަމާއި ގުޅިގެން ހިނގައިދިޔަ ކަންކަމަށް ފަހު ދެ މެމްބަރަކު ވަނީ ކޮމިޝަންގެ ޖަލްސާގެ ކޯރަމްވެސް ގެއްލުވާލާފައެވެ.