ޖަލުހުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނަމަވެސް ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ރައީސް ޔާމީން ރިޔާސީ އިންތިހާބުގެ ކެނޑިޑެސީ ފޯމް ފުރަން ކަރެކްޝަންސްގެ އެހީތެރިކަމަށް ޕީޕިއެމުން އެދިއްޖެއެވެ.

އިދިކޮޅުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު "ހަތާވީސް" އަށް ވިދާޅުވީ އިދިކޮޅު ލީޑަރު ޔާމިންގެ ކެނޑިޑެސީ ފޯމް ފުރާދޭން ކަރެކްޝަންސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެކަމާއި ގުޅޭ ގޮތުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް “ހަތާވީސް”އަށް ވިދާޅުވީ އެކަމާއި ގުޅިގެން ކުރަން ޖެހޭ ކަންކަން އެ އިދާރާއިން ކޮށްދޭނެ ކަމަށެވެ. އަދި ފޯމް ފުރުމަށް ފަހު ހަވާލުކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔާމީންގެ ވަކީލުން އިއްޔެ އެމަނިކުފާނާ ބައްދަލުކުރަން ކަރެކްޝަންސް އަށް ވަޑައިގަތެވެ. އެކަމަކު އެ ބައްދަލުވުމަށް ފުރުސަތެއް ނުދެއެވެ. ވަކީލުންގެ ޓީމުގެ ބައްދަލުވުން ކެންސަލްކުރީ ކ. މާފުށީ ޖަލަށް ވައްދަން އުޅުނު ތަކެތި ބަލައިފާސްކުރަން ދެކޮޅު ހެދުމުން ކަމަށް ކަރެކްޝަނުން ބުންޏެވެ.

ކަރެކްޝަނުން ބުނީ ޖަލަށް ވައްދާ ތަކެތި ބަލައި ފާސްކުރުމަކީ އާންމު އުސޫލުން ކުރާ ކަމެއް ކަމަށެވެ.
ވ. އާރަށުގެ ހިޔާނާތުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ޔާމީން ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. މައްސަލަ އިސްތިއުނާފްކުރަން ހައި ކޯޓަށް ހުށަހަޅައިފައިވީ ނަމަވެސް މައްސަލަ އޮތީ ހުއްޓިފައެވެ. ޔާމީންގެ މައްސަލަ ހުއްޓިފައި އޮތީ ފަނޑިޔާރަކު މި މަހުގެ 16އިން ފެށިގެން ޗުއްޓީއަށް ވަޑައިގެންނެވުމުންނެވެ. ޗުއްޓީއަށް ވަޑައިގެންނެވި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ސަލީމެވެ. އޭނާ ޗުއްޓީއަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އަމަލު ކުރަމުން އަންނަ، ދުރާލާ ޗުއްޓީތައް ނެގުމުގެ އުސޫލުގެ ދަށުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުށަހަޅުއްވައިގެން ނެންގެވި ޗުއްޓީއެކެވެ.
އޭގެ އިތުރުން ދަށު ކޯޓުގައި، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަކުރުމާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ މައްސަލަ ވެސް އެބައޮތެވެ.
ކަންކަން މިހެން އޮތުމުން ޔާމީން މިނިވަންވެދާނެ ކަމާއި މެދު ޝައްކެވެ. ނަމަވެސް އެ ޕާޓީގެ ކެނޑިޑޭޓަކީ ޔާމީން ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދެއެވެ. އެކަމަކު އަޑިއަޑިން ލީޑާޝިޕްގެ ބައެއް ބޭފުޅުން ކެމްޕޭނު ކުރައްވަމުން ގެންދަވާ ކަމުގެ އަޑުތައް ފެތުރެއެވެ. އެކަމަކު އިދިކޮޅުން އެ ވާހަކަތައް ދޮގުކުރެއެވެ.