ސްކައުޓް އަދި ގާލް ގައިޑުން ކޭމްޕަށްދާނެ ރަށެއް މި ދައުރުގައި ހަމަޖައްސައި ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ 25 ވަނަ ވޯލްޑް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވުމަށްފަހުގައި، ހީނަރުވަމުންދިޔަ އެ ދެ އެސޯސިއޭޝަންގެ ހަރަކާތްތައް އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

ނަމަވެސް، ކުރިމަތިވި ކޯވިޑުގެ އާލަމީ ވަބާއާ އެކުގައި އެހެން ހުރިހާ ކަމަކަށްވެސް ހުރަސްކުރުވި ހުރަސްތައް އެ ކަމުގައިވެސް ކުރިމަތިވި ކަމަށެވެ. މީގެ ބައްދަލުކުރި ކޮންމެ ފަހަރަކު، ކޭމްޕް ދާނެ ރަށެއް އަޅުގަނޑުމެން ހޯދައިދޭނެ ވާހަކަ ދައްކަވާފައިވާނެ ކަމަށާއި ކޮވިޑުގެ އުނދަގޫ ދިމާވީ އެ މަސައްކަތް ކުރުމުގެ މަގުމަތީގައި އޮއްވައި ކަމަށެވެ.

"އެހެން ނަމަވެސް، މިއަދުވެސް އަޅުގަނޑު ޔަގީންކޮށް ތިޔަބޭފުޅުންނަށް އަރުވަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ދައުރުގެ ތެރޭގައި، ތިޔަބޭފުޅުންނަށް ކޭމްޕް ދާނެ ރަށެއް، ހާއްސަކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ރަށެއް އަޅުގަނޑުމެން ހަވާލުކޮށްދޭނެ ވާހަކަ" އެމަނިކުފާނު ވިދާޅުވިއެވެ.

https://twitter.com/presidencymv/status/1683339820893085696

އެ ބައްދަލުކޮށްލެއްވުމުގައި ރައީސް ވަނީ ޖަމްބޮރީގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޖަމްބޮރީގެ ބައިވެރިންނަށް ގިނަ ފުރުސަތުތަކެއް ތަޖުރިބާ ކުރަން ފުރުސަތު ލިބިގެންދާނެކަން ފާހަގަކުރައްވައި، އެ ފުރުސަތުތަކުގެ ބޭނުން ހިފައި، ގޮންޖެހުންތަކާ ކުރިމަތިލާން ދަސްކުރާނެކަމުގެ ފުރިހަމަ އިތުބާރު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ދިވެހި ސްކައުޓުންނަކީ މިހާރު ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ވަރަށް ހުނަރުވެރި ބައެއް ކަމުގައި ވިދާޅުވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެކުނު ކޮރެއާގައި ބާއްވާ މިއަހަރުގެ ޖަމްބޮރީގެ ޕްލޭނިން ޓީމުގައި ދިވެއްސަކު ހިމެނުމަކީ އެކަމުގެ ހެއްކެއް ކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޖަމްބޮރީގެ ޕްލޭނިން ޓީމުގައި ހިމެނޭ ދިވެހި ސްކައުޓް ލީޑާ އަލީ ޝަފާއަތު މަނިކަށް ތަހުނިޔާ ދަންނަވާފައެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނުވަނީ، ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ސާބިތުކޮށްދީ، ހިތްވަރުގަދަ ކެތްތެރި ދިވެހި ދަރިއަކަށްވުމަށް މަސައްކަތް ކުރުމަށް، ޖަމްބޮރީގެ ހުރިހާ ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ދިވެހި ކޮންޓިންޖެންޓް ލީޑާ ސްކައުޓް އެސޯސިއޭޝަންގެ އިންޓަނޭޝަނަލް ކޮމިޝަނާ މުހައްމަދު ފައުޒޫނަށް ދިވެހި ދިދަ ހަވާލުކޮށްދެއްވީ ރައީސްއެވެ. ދުނިޔޭގެ 25 ވަނަ ސްކައުޓް ޖަމްބޮރީގައި ދިވެހިރާއްޖެ ތަމްސީލުކުރަނީ 425 ކޮންޓިންޖެންޓުންނެވެ.