މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، ޖުލައި މަހުގެ 26 ވަނަ ދުވަހު ބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

މި ޖަލްސާގައި، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު، ދިވެހި ގައުމާ މުހާތަބު ކުރައްވާނެއެވެ.

މި ޖަލްސާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ މެޑެލް ދެއްވުމާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއް ވަނަ ދަރަޖައިގައި ފާސްވި ހާފިޒުންނަށް ރައީސް ދެއްވާ ހާއްސަ މެޑެލް ދެއްވުންވެސް އޮންނާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ޝަރަފްވެރިކަމުގެ ޤައުމީ އިނާމު، މި އަހަރު ލިބިވަޑައިގަންނަވަނީ، 4 ބޭފުޅަކަށާއި، ކުންފުންޏަކަށެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު، 17 ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށެވެ. ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސް އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސް އެކުލަވައިލެއްވި ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ. ރައީސް ދެއްވާ މެޑެލް، މި އަހަރު ހާސިލު ކުރައްވަނީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 15 ބޭފުޅެކެވެ.

ބައިނަލްއަގްވާމީ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދައިގެން އިނާމު ހާސިލުކުރަނީ ދެ ކުއްޖެކެވެ. މީގެއިތުރުން، ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރަނީ އެންމެ ފަރާތަކުންނެވެ.

ކީރިތި ގުރްއާން ހިތުދަސްކޮށް، މިއަހަރު އެއް ވަނަ ދަރަޖައިގައި ފާސްވި 10 ހާފިޒުންނަށް ރައީސް ދެއްވާ ހާއްސަ މެޑެލްވެސް މި ޖަލްސާގައި ދެއްވާނެއެވެ.