އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސިއްހީ ހާލަތާ މެދު އެ ޕާޓީގެ މެމްބަރުން ވިސްނައިވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.

ނަޝީދު އެހެން އިލްތިމާސްކުރެއްވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާ އެކު މިރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ތިބޭފުޅުންގެ ރައީސް، އަދި ތިބޭފުޅުންގެ ކެންޑިޑޭޓް ކޮންމެ ދުވަހު ހެނދުނު މުށެއް ފުރާ ބޭސް ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ. ތިބޭފުޅުންގެ ކެންޑިޑޭޓުގެ ހިތުގެ އާލާސްކަންފުޅު، ތިބޭފުޅުންގެ ސިއްހީ ހާލުކޮޅު އެއީ ވިސްނަވަންޖެހޭނެ ކަމެއް،" އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެ، ވަކި ޕާޓީއެއް އުފެއްދެވި ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ދެވަނަ ބުރަށް ނުދާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު އެއްޗެއް ދަންނަވަން އަދި އަވަސް ކަމަށާއި އެހެންނަމަވެސް ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓުންގެ ފަރާތުން ވާދަކުރައްވާ އިލްޔާސް ދެވަނަ ބުރަކަށް ނުދާނެ އެއްވެސް ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަދި ތަންކޮޅެއް އަވަސް ސެޕްޓެމްބަރު 9ގެ ސީދާ ނަތީޖާ ދަންނަވަން. އެހެންނަމަވެސް އިލްޔާސް ލަބީބް ދެވަނަ ބުރަކަށް ނުދާނެ ހަމަ އެއްވެސް ގޮތެއް އަޅުގަނޑަކަށް ނުފެނޭ. ހަމަ އެއްގޮތެއް ވެސް އަޅުގަނޑަކަށް ނުފެނޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް އެކަން [ދެވަނަ ބުރަކަށް އިލްޔާސް ދާނެކަން] ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

"އެމްޑީޕީގެ ވޯޓު އަޅުގަނޑުމެން ބޮޑު ބައި އިރާދަކުރެވިއްޔާ ނަގާނަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅުގައި އެމްޑީޕީގެ މެންބަރުން ދެކެވާ ލޯބި އަބަދުވެސް އެމަނިކުފާނު ވާނެ ކަމަށާއި އަދި އެމްޑީޕީގެ މެންބަރުންނާއި އެމަނިކުފާނާއި އޮންނަ ގާތްކަން އަބަދުވެސް ބަހައްޓާނެ ކަމަށް ވިދާޅުވިއެވެ. މިރޭވެސް ނަޝީދު ވަނީ އެމަނިކުފާނުގެ ގާތް އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ޑިމޮކްރެޓުންނާއި ގުޅުމަށް އެދިވަޑައިގެންފައެވެ.

"މިހާރު ތި ތިއްބެވި ތަނުގައި އެއްވެސް ބޭފުޅަކު ނުހުންނަވާ އަޅުގަނޑުމެން ދެވަނަ ބުރަށް ގެންދިއުމުގައި ތިބޭފުޅުންގެ ހިއްސާ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ބޭނުންވޭ،" ނަޝީދު ވިދާޅުވިއެވެ.

ޑިމޮކްރެޓުންނަކީ ނަޝީދު އިސްވެ އުފެއްދި ޕާޓީއެކެވެ. އިލްޔާސަކީ ނަޝީދަށް ތާއީދު ކުރާ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނަޝީދުގެ އަރިސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ.

ނަޝީދު ދެއްކެވި ވާހަކައިގެ ވީޑިއޯ:

https://twitter.com/hathavees/status/1683186760376000512?s=20