އަމީނީ މަގުގައި މިވަގުތު މަސައްކަތް ކުރިޔަށް ގެންދާ ދެ ސެގްމަންޓުގައި ތާރު އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އާރްޑީސީން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނީ އަމީނީމަގު ސެގްމެންޓް 8 އަދި 9 ގެ މައިގަނޑު މަސައްކަތް ނިމުމާއެކު، ތާރު އެޅުމުގެ މަސައްކަތް ކުރުމަށް ދަނީ ތައްޔާރުވަމުން އަންނަ ކަމަށެވެ.

https://twitter.com/rdcmaldives/status/1683081770965811200?s=20

އާރްޑީސީން މީގެކުރިން ބުނެފައި ވަނީ ޗުއްޓީއަށް ފަހު ސްކޫލު ހުޅުވެންވާއިރަށް އަމީނީ މަގުގައި މިވަގުތު ކުރިއަށް ގެންދާ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 1.7 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި ފެން ހިންދާ ނިޒާމު ގާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި މަގުބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އާރްޑީސީ އަށް ހަވާލު ކޮށްފައި ވަނީ 84.4 މިލިއަން ރުފިޔާ އަށެވެ.

މިހާތަނަށް މާލޭގެ ގިނަ މަގުތަކެއް އާއްމުން ގަޔާވާ ހިތްގައިމު ގޮތަކަށް ހަދާފައިވާ އާރްޑީސީން ބުނީ މާލޭގެ މަގުތައް ތަރައްގީ ކުރަނީ އެ މަގުތަކަކީ އާއްމުންނަށް ހިތްފަސޭހަ ވާނެ ގޮތަކަށް ކަމަށެވެ. އެގޮތުން އަމީނީ މަގުގައި ވެސް އެ ސިފަ ފެނިގެން ދާނެ ކަމަށް އެކުންފުނިން ބުންޏެވެ.

މީގެއިތުރުން މި މަޝްރޫއުގެ ސަބަބުން އެކިއެކި މަސައްކަތްތަކަށް މަގު ކޮންނަން ޖެހޭ މިންވަރު މަދުވެ، މަގުގައި ދުއްވާ އުޅަނދުތަކަށާއި ހިނގާ މީހުންނަށް އިތުރު ލުއިތަކެއް ލިބިގެން ދާނެ ކަމަށް އާރްޑީސީ އިން ބުނެއެވެ.