ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނާއި ވަކީލުންގެ ޓީމުގެ ބައްދަލުވުން ކެންސަލްކުރީ ކ. މާފުށީ ޖަލަށް ވައްދަން އުޅުނު ތަކެތި ބަލައިފާސްކުރަން ދެކޮޅު ހެދުމުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަނުން ބުނީ ޖަލަށް ވައްދާ ތަކެތި ބަލައި ފާސްކުރުމަކީ އާންމު އުސޫލުން ކުރާ ކަމެއް ކަމަށެވެ.

https://twitter.com/CorrectionsMv/status/1683037362308399104?s=20

އެކަމާ ގުޅޭ ގޮތުން ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ އެމަނިކުފާނުގެ އިންތިހާބީ ހައްގު ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭ ލިޔުންތައް ހިފައިގެންދިއުމުން، "ފައިލްތައް ބަލައި ހާވަން" ޖަލު އޮފިސަރުން ފޯރިނަގާފައިވާ ކަމަށެވެ.

ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް އިއްޔެ މައްސަލަ ހުށަހެޅީ ހައި ކޯޓަށް ހުށަހަޅާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ޔާމީންގެ އަސާސީ ހައްގުތަކާއި އިންތިހާބީ ހައްގުތައް ހުރަސް އެޅިފައިވާ ކަމަށް ބުނެއެވެ.

ވ. އާރަށުގައި ރިސޯޓު ހެދުމަށް ދިނުމުން، އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލާފައި ވަނީ މިދިޔަ ޑިސެމްބަރު 25ގައެވެ. އެ މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުގައި އޮތީ މަޑުޖެހިފައެވެ.

ޔާމީންގެ މައްސަލަ ހުއްޓިފައި އޮތީ ފަނޑިޔާރަކު މި މަހުގެ 16އިން ފެށިގެން ޗުއްޓީއަށް ވަޑައިގެންނެވުމުންނެވެ. ޗުއްޓީއަށް ވަޑައިގެންނެވި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ސަލީމެވެ. އޭނާ ޗުއްޓީއަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އަމަލު ކުރަމުން އަންނަ، ދުރާލާ ޗުއްޓީތައް ނެގުމުގެ އުސޫލުގެ ދަށުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުށަހަޅުއްވައިގެން ނެންގެވި ޗުއްޓީއެކެވެ.