ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންގެ ޓީމާ ބައްދަލުކުރުމުގެ ފުރުސަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ނުދިން ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން ބުނީ ކ. މާފުށީ ޖަލުގައި ހުންނެވި ޔާމީނާ ބައްދަލުކުރުމަށް ގާނޫނީ ވަކީލުންގެ ޓީމަށް ކަރެކްޝަންސްއިން ވަގުތު ދިނުމުން ލޯޔަރުންގެ ޓީމު އެ ރަށަށް ދިއުމުން ބައްދަލުކުރުމަށް ހުރަސް އަޅާފައިވާ ކަމަށެވެ.

ޔާމީނާ ބައްދަލުކުރުމަށް އެމަނިކުފާނުގެ ވަކީލުން ޖަލަށް ވަޑައިގެންނެވީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.

"...ހޯމް މިނިސްޓަރ އިމްރާގެ އެންގެވުމަށް ބައްދަލުވުމަށް ހުރަސް އަޅައި، ރައީސް ޔާމީނާއި ވަކީލުންގެ ބައްދަލު ކުރުމުގެ ފުރުސަތު ދީފައި ނުވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ޕީޕީއެމުން ބުނެފައިވެއެވެ.

https://twitter.com/ProgressPartyMV/status/1683021969707634689?s=20

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ސުޕްރީމް ކޯޓަށް ވެއްދި މައްސަލައާ ގުޅޭ ލިޔުންތައް ޖަލަށް ހިފައިގެންދާތީ، "ފައިލްތައް ބަލާ ހާވަން" ޖަލު އޮފިސަރުން ފޯރިނަގާފައިވާ ކަމަށެވެ.

https://twitter.com/MJameelAhmed/status/1683018476712259584?s=20

ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް އިއްޔެ މައްސަލަ ހުށަހެޅީ ހައި ކޯޓަށް ހުށަހަޅާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ޔާމީންގެ އަސާސީ ހައްގުތަކާއި އިންތިހާބީ ހައްގުތައް ހުރަސް އެޅިފައިވާ ކަމަށް ބުނެއެވެ.

ވ. އާރަށުގައި ރިސޯޓު ހެދުމަށް ދިނުމުން، އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލާފައި ވަނީ މިދިޔަ ޑިސެމްބަރު 25ގައެވެ. އެ މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުގައި އޮތީ މަޑުޖެހިފައެވެ.

ޔާމީންގެ މައްސަލަ ހުއްޓިފައި އޮތީ ފަނޑިޔާރަކު މި މަހުގެ 16އިން ފެށިގެން ޗުއްޓީއަށް ވަޑައިގެންނެވުމުންނެވެ. ޗުއްޓީއަށް ވަޑައިގެންނެވި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ސަލީމެވެ. އޭނާ ޗުއްޓީއަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އަމަލު ކުރަމުން އަންނަ، ދުރާލާ ޗުއްޓީތައް ނެގުމުގެ އުސޫލުގެ ދަށުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުށަހަޅުއްވައިގެން ނެންގެވި ޗުއްޓީއެކެވެ.

ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އޮތްހާ ހިނދަކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ކުރިމަތިނުލެވޭނެއެވެ.

ގާނޫނުއަސާސީގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފް ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައިވާންވާނެ ކަމަށެވެ. އަދި އިސްލާމް ދީނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަރަކާއި ހީލަތް ހެދުން، ޓެކުން ނުވަތަ ހިޔާނާތުގެ ކުށެއް ކުރިއަށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވާނަމަ އެ މީހަކަށް ދުވަހަކު ވެސް ރައީސްކަމަށް ވާދައެއް ނުކުރެވޭނެއެވެ.