ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، ޕީޕީއެމްގެ ރައީސް ޔާމީންގެ އިންތިހާބީ ހައްގުތައް ގެއްލޭ ކަމަށް ބުނެ، ސުޕްރީމް ކޯޓަށް މިރޭ މައްސަލަ ހުށަހަޅުއްވައިފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ ހުށަހެޅުއްވީ ޔާމީންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ޔާމީންގެ އަސާސީ ހައްގުތަކާއި އިންތިހާބީ ހައްގުތައް ހުރަސް އެޅިފައިވާތީ ކަމަށެވެ.

https://twitter.com/AdamShameem/status/1682790524183523329?s=20

ވ. އާރަށުގައި ރިސޯޓު ހެދުމަށް ދިނުމުން، އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލާފައި ވަނީ މިދިޔަ ޑިސެމްބަރު 25ގައެވެ. އެ މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުގައި އޮތީ މަޑުޖެހިފައެވެ.

ޔާމީންގެ މައްސަލަ ހުއްޓިފައި އޮތީ ފަނޑިޔާރަކު މި މަހުގެ 16އިން ފެށިގެން ޗުއްޓީއަށް ވަޑައިގެންނެވުމުންނެވެ. ޗުއްޓީއަށް ވަޑައިގެންނެވި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ސަލީމެވެ. އޭނާ ޗުއްޓީއަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އަމަލު ކުރަމުން އަންނަ، ދުރާލާ ޗުއްޓީތައް ނެގުމުގެ އުސޫލުގެ ދަށުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުށަހަޅުއްވައިގެން ނެންގެވި ޗުއްޓީއެކެވެ.

ޔާމީންގެ މައްސަލަ ހައި ކޯޓުގައި ބައްދަލަވާ ފަނޑިޔާރުންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.

ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އޮތްހާ ހިނދަކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ކުރިމަތިނުލެވޭނެއެވެ.

ގާނޫނުއަސާސީގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފް ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައިވާންވާނެ ކަމަށެވެ. އަދި އިސްލާމް ދީނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަރަކާއި ހީލަތް ހެދުން، ޓެކުން ނުވަތަ ހިޔާނާތުގެ ކުށެއް ކުރިއަށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވާނަމަ އެ މީހަކަށް ދުވަހަކު ވެސް ރައީސްކަމަށް ވާދައެއް ނުކުރެވޭނެއެވެ.