"ގޭތެރޭގައި އުޅެން ޖެހެނީ ލައިޓްތައް ނިއްވާލައިގެން. އެއްވެސް ކަހަލަ އައްޔެއް ބޭނުންނުވާނެ. ލޯ އިންނަނީ ވަރަށް ބޮޑަށް ދުޅަވެފައި.... ލޯ ނުހުޅުވޭނެ. ކޮޓަރީގައި ބޮކި ޖައްސާއިރުގައި މޫނު މަތީގައި ބާލިސް އަޅައިގެން އޮންނާނީ،" ބައްޕައަކު އޭނާގެ ދަރިފުޅު ތަހައްމަލުކުރާ ވޭން ސިފަކޮށްދިނީ މިހެނެވެ. އެއްވެސް ވަރެއްގެ އަލިކަމެއް އެ ދަރިފުޅު ބޭނުމެއް ނުވެއެވެ. ވަނީ އުނދަގުލެވެ. އެ ދަރިފުޅަކީ ގއ. ކަނޑުހުޅުދޫ އުމުރުން 13 އަހަރުގެ މުހައްމަދު މަފާޒެވެ.

މަފާޒަށް ޖެހިފައިވަނީ ދުނިޔޭގައި މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. އެއަަށް ކިޔަނީ ކެރަޓޯކޮންޖަންކްޓިވައިޓިސްއެވެ. ސިއްހި މާހިރުން ބުނާ ގޮތުން އެކަން ދިމާވަނީ ލޮލުގެ ސާފު ކުރިމަތީ ބައި (ކޯނިއާ) އާއި ލޮލުގެ ހުދު ބައި (ކޮންޖަންކްޓިވާ) ނިވާކުރާ ތުނި ފަށަލަ އިންފްލެމޭޓްވުމުންނެވެ.

ފައިސަލް ބުނި ގޮތުގައި މި ބަލީގެ އަލާމާތްތައް ފެންނަން ފެށީ ދަރިފުޅުގެ އުމުރުން އެއް އަހަރުއެވެ. އެކަމަކު އެއީ ސީދާ އެ ބަލިކަން އެނގުނީ އެތައް "ދަތުރު"ތަކަށްކަށް ފަހެވެ. "އެންމެ ފުރަތަމަ ލޮލުން މަޑު އަންނަން ފެށީ،" ދަރިފުޅުގެ ލޮލަށް ދިމާވާން ފެށި މައްސަލަ ކިޔާލަދެމުން އޭނާ ބުންޏެވެ. އެންމެ ފުރަތަމަ ދެއްކީ ގެމަނަފުށީ ހޮސްޕިޓަލަށެވެ. އޭގެ ފަހުން ދެއްކީ ތިނަދޫ ހޮސްޕިޓަލަށެވެ. އަތޮޅު ހޮސްޕިޓަލުން ބުނެގެން އައި މާލެއެވެ. ދެން ދުވަން ޖެހުނީ އެއް ކްލިނިކުން އަނެއް ކްލިނިކަށެވެ. އޭޑީކޭއިން އައިޖީއެމްއެޗަށެވެ. ދައްކާ އެންމެން ބުނަނީ އެލާޖިކެއް ކަމަށެވެ. އެންމެންވެސް ބުނަނީ މާބޮޑު ކަމެއް ނޫން ކަމަށެވެ. "އެންމެން ބުނަނީ އަނެއްހެން މައްސަލައެއް ނޫނޭ ތީ އެލަޖިކެކޭ،" މަފާޒްގެ ބައްޕަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

[caption id="attachment_55633" align="alignnone" width="1024"] މަފާޒުގެ ލޮނުގެ ފަރުވާއަށް، ތުންފަތުން މަސް ނަގައިގެން ލޮލުގެ އެތެރޭގައި ލައްވާފައިވޭ-- ފޮޓޯ/ އާއިލާ[/caption]

އެކަމަކު އޭގެ އަހަރެއް ފަހުން މަފާޒުގެ އުމުރުން ދެ އަހަރުގައި ލޯ ދުޅަވާން ފެށުމުން އާއިކެއާއަށް ދެއްކުމުން އެތަނުންވެސް ބުނީ ހަމަކުރިން ދެއްކި ކްލިނިކްތަކާއި ހޮސްޕިޓަލުތަކުން ދިން ޖަވާބެވެ. "އަނެއްހެން މާބޮޑު ކަމެއް ނޫނޯ، ރަނގަޅުވާނެއޭ،" މައުސޫމް ބުންޏެވެ. އެކަމަކު ލޮލުގައި ރިއްސާތިވެ އޭޑީކޭއަށް ދެއްކުމުން އެތަނުގެ ޑޮކްޓަރަކު ލަފާގެ މަތިން ދެން ދިޔައީ 2014 ވަނަ އަހަރު އިންޑިއާއަށެވެ.

"އެ މީހުން ބުނީ ކެރަޓޮކޯނިޔާއޭ. އުމުރުން ކުޑަވީމާ ނެތޭ އެއްވެސް ފަރުވާއެއް ދެވޭކަށް ބުނީ ހަ މަސްކޮށްލާފައި އަންނާށެ. އުމުރުން ހަތަރު އަހަރު ބޭސް އަސްލު ބޭނުންކުރުން ރަނގަޅެއް ނޫނޭ،" މައުސޫމް ކިޔައިދިނެވެ. އޭގެ ދުވަސްގަނޑެއް ފަހުން ޓްރިވަންޑްރަމްގެ ޗައިތޭނިޔާ ކިޔާ ހޮސްޕިޓަލަކުން ސާޖަރިއެއް ހެދިއެވެ. އެކަމަކު މާބޮޑު ލުޔެއް ނުލިބެއެވެ. އޭރު ހަދަން ފެށި ސާޖަރީތަކަށް ހުއްޓުމެއް ނައެވެ. ކޮންމެ އަހަރަކު ސާޖަރީއެކެވެ. ފާއިތުވި 13 އަހަރު ތެރޭގައި މަފާޒުގެ 17 ސާޖަރިއެއް ހަދައިފިއެވެ. މިއިން ކޮންމެ ފަހަރަކުވެސް ސާޖަރީ ހަދަނީ ހޭނައްތައިގެންނެވެ.

"ކޮންމެ ފަހަރަކު ހޭނައްތައިގެން އޮޕަރޭޝަން ކުރާތާ މިއީ 17 ވަނަ ސާޖަރި. ކުއްޖާއަށްވެސް ބޮޑެތި ބަދަލުތައް އާދޭ. އަހަރު ތިން ފަހަރު، ހަތަރު ފަހަރު ރާއްްޖެއިން ބޭރަށް ދާން ޖެހޭ،" މި ފަހުންވެސް ބޮޑު އަޮޕަރޭޝަނަކަށް ފަހު ރާއްޖެ އައި މައުސޫމް ބުންޏެވެ.

[caption id="attachment_55528" align="alignnone" width="1038"] މަފާޒު ބައްޕަ އާއި މަންމައާ އެކު[/caption]
ފަރުވާ ލިބެން އޮތީ ބެންކޮކުން
އިންޑިއާ ޑޮކްޓަރުން ބުނާ ގޮތުން ދާއިމީ އޮޕަރޭޝަނެއް ކުރެވޭނީ 20 އަހަރުން މަތި ވީމައެވެ. ޗައިތޭނިއާގެ ޑޮކްޓަރުން ބުނާ ގޮތުން އޮޕަރޭޝަން ކުރެވޭނީ 25 އަހަރުން މަތިވުމުންނެވެ. އާއިލާ މީހަކު ބޭސްފަރުވާ އަށް ތައިލެންޑަށް ދިޔަ ދަތުރުގައި މާފާޒުގެ ލިޔުންތައް އެތަނުގެ ޑޮކްޓަރަކަށް ދެއްކުމުން އެ ހޮސްޕިޓަލުން ލަފާދެނީ އެ ތަނަށް ދެއްކުމަށެވެ.

"އެމީހުން [ތައިލެންޑް ހޮސްޕިޓަލް] އިން ބުނީ ފުރަތަމަ ޓެސްޓުތަކެއް ހަދައިގެންނޭ ރަސްމީ ޖަވާބެއް ދޭނީ.... މި ބައްޔަށް ފަރުވާ ދެވޭނެ ކަމަށް އެމީހުން އެބަ ބުނޭ،" އުއްމީދުތައް އާކުރަމުން އޭނާ ބުންޏެވެ. ތައިލެންޑް ޑޮކްޓަރުން އަންދާޒާކުރާ ގޮތުން އޮޕަރޭޝަނަށް ފަސް ލައްކައެއްހާ ރުފިޔާ ހޭދަވާނެއެވެ. އެކަމަކު އެވަރުގެ ފުދުންތެރިކަމެއް ނެތުމުން ފައިސަލް އެދެނީ އާއްމުންގެ އެހީއެވެ.

މައުސޫމް ހަސަން 7798697

ބީއެމްއެލް އެކައުންޓް ނަންބަރު:

7712216293101