މާލޭގެ އިމާރާތެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދަން ގޮވާލައި މާލޭގައި ޒުވާނުންކުރި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އަބްދުالله މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ކުރި ޖިނާއީ ދައުވާތައް އަނބުރާ ގެންދިއުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.
މޭޔަރު އާޒިމް މި މައްސަލައާ ގުޅޭ ގޮތުން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ސުލްހަވެރި އިހުތިޖާޖަކީ ޑިމޮކްރެޓިކް ހައްގެއް" ކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އޮންނަންވާނެ ކަމަށެވެ.
މި ދެ ޒުވާނުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުން ކުށްވެރި ކުރައްވައި އާޒިމް ވިދާޅުވީ އެފަދަ ދައުވާތަކަކީ ޒުވާނުންގެ އަޑު ކަނޑުވާލުމަށް ކުރެވޭ ކަމެއް ކަމަށެވެ.
"މިހާރުން މިހާރަށް ހުރިހާ ދައުވާއެއް އަނބުރާ ގެންގޮސް، އަޅުގަނޑުމެންގެ ޒުވާނުންގެ އަޑުފުލުނުންތަކަށް އިޙްތިރާމް ކުރޭ" އާޒިމް ވިދާޅުވެފައިވެއެވެ.
ޝިމަން އާއި މަހްޒޫމް ހައްޔަރުކުރީ ޔުމްނުއަށް އިންސާފު ހޯދަން ގޮވާލައި މަޖީދީމަގު ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރީގައި މުޒާހަރާ ކުރަމުން ދަނިކޮށެވެ. އެ މީހުން ބަންދުގައި ބޭތިއްބުމަށްފަހު ތިބީ ދޫކޮށްލައިފައެވެ.
އެ މައްސަލާގައި މަހުޒޫމްގެ މައްޗަށް ދައުލަތުން ކުރަނީ އަތްލުން ނުވަތަ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. އަދި ޝިމަންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.
އަނިޔާއެއް ކުރުން އަތުލުމުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ..
ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ޔުމްނުގެ މައްސަލާގައި ކުރި މުޒާހަރާތަކާ ގުޅިގެން އެކަން ބެލުމަށް ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް ވެސް އުފެއްދެވި އެވެ. އެ ކޮމިޝަނުން ނިންމީ ފުލުހުންގެ އިހުމާލުތަކެއް އެ މައްސަލާގެ ތަހުގީގުގައި އޮތް ކަމަށެވެ.