ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓަކަށްވުމުގެ ޝައުގެއް ނެތް ކަމަށާއި، އެކަމަކު މަޖުބޫރުވެއްޖެ ހާލަތެއްގައި އެކަން ނުކުރައްވާނެ ކަމަށް ވިދާޅުވެވެން ނެތް ކަމަށް އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ސޯލިހު ކެމްޕޭނު ފައްޓަވާފައިވާއިރު އެމަނިކުފާނު އަރިހުގައި ސިޔާމްވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ދޭ ތެރެއިން ރައީސް އަތުޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ސިޔާމަށް ބައިވެރިވެވަޑައި ނުގެންނެވުނީ ހިލްޓަން މައްސަލާގައި ސިންގަޕޫރުގައި ހުންނެވުމުންނެވެ.

ސިންގަޕޫރަށް ކުރެއްވި ދަތުރަށް ފަހު މިރޭ އެއާޕޯޓުގައި، ރަނިން މޭޓަކަށްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވަންތޯ "ހަތާވީސް" އިން ސުވާލު ކުރުމުން ޝިޔާމް ވިދާޅުވީ "ޝައުގެތް ނެތް" ކަމަށެވެ.

އެއާއި ވިދިގެން ވިދާޅުވީ "އެހެން ނަމަވެސް އެކަން މަޖުބޫރުވާ ހާލަތެއްގައި ނުކުރާނެ ވާހަކައެއް ނޫން" ކަމަށެވެ. މާބޮޑު ތަފްސީލެއް ނުދެއްވައެވެ. މި ސުވާލު ސިޔާމްއާ ކޮށްފައިވާއިރު ރަނިން މޭޓަކަށް ކަނޑައަޅާނެ ބޭފުޅުންގެ ނަންތައް ލިބެމުން އަންނަ ކަމަށް ދާދި ފަހުން ރައީސް ސޯލިހު ވިދާޅުވެފައެވެ.

"މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން. ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ،" ރިޔާސީ ކެމްޕެއިނުގައި މ. އަތޮޅާއި އަދި ވ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމާލައްވާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވެފައިވެއެވެ

ސީދާ ވަކި ނަމެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރަނިން މޭޓަކަށްވުމުގެ ޝައުގުވެރިކަން ހުރި ކަމަށް ފެތުރޭ އަޑުތައް އޭނާ ދޮގުކުރައްވައެވެ. ތުހުމަތު އެޅުވީ އެ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކަށެވެ. ރައީސްގެ ރަނިން މޭޓަކަށްވުމަށް ޝައުގުވެރިކަން ފާޅުގައި ފާޅުކުރެއްވި އެއް ބޭފުޅަކީ ނައިބް ރައީސް ފައިސަލް ނަސީމެވެ. އިއްޔެ، ޓީވީ ޕްރޮގްރާމެއްގައި ފައިސަލް ވިދާޅުވީ އެމަނިކުފާނާ ހަވާލުކުރެއްވި ގިނަ މަސައްކަތްތަކެއް އެބަ ހުރި ކަމަށާއި އެހެންވެ އެކަންތައްތައް ކުރިއަށް ގެންދަން އިތުރު ފުރުސަތު ބޭނުންވާތީވެ ރަނިން މޭޓު ކަމަށް ޝައުގުވެރިކަން އެބަހުރި ކަމަށް ވިދާޅުވިއެވެ.