ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ކުންފުނި “ސަން ސިޔާމް”އިން ހިލްޓަންއަށް ދައްކަންޖެހޭ 24 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދިވެހި ސަރުކާރުން ހަމަޖައްސައިދިން ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

އެ ވާާހަކަތަކެއް ފަތުރާފައިމިވަނީ ސަން ޓްރެވަލްސް އިން ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ބާތިލް ކުރުމުން ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދެއްކުމަށް ސިންގަޕޫރު އާބިޓްރޭޝަން އިން ހުކުމެއް ކޮށްފައިވާއިރު އެ މައްސަލައިގެ އަޑު އެހުމަށް ސިޔާމް ދާދި ފަހުން ސިންގަޕޫރަށް ވަޑައިގެން އުޅުއްވަނިކޮށެވެ.

މިރޭ އަނބުރާ ރާއްޖެވަޑައިގެން އެކަމާ ގުޅުވައި ނޫސްވެރިޔަކު ސުވާލު ކުރުމުން މީދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ސިޔާމް ވިދާޅުވީ ފައިސާ ހަމަޖައްސައިދޭން ނުވަތަ ދައްކައިދޭން ސަރުކާރުގައި އެދިފައިނުވާނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އޭނާ ލޯނު ނަގާފައިވާ ބޭންކުތަކަކީ ސަރުކާރަށްވެސް ލޯނު ނުލިބޭ ބޭންކުތަކަށްވާތީއެވެ.

"ދިވެހި ސަރުކާރަކުން ދައްކާކަށް ނުޖެހޭނެ ނޫންތޯ. އަޅުގަނޑުމީ ވިޔަފާރިވެރިއެއް ނޫންތޯ. އަޅުގަނޑެއް ނޫންތޯ ހައްލުކުރަނީ. ދިވެހި ސަރުކާރާ ބެހޭ ކަމެއް ނޫންތޯ އެއީ" ސިޔާމް ވިދާޅުވިއެވެ.

https://twitter.com/hathavees/status/1682455299549192192?s=20

މި ވާހަކައެއް ސިޔާމް މި ދެއްކީ ސިންގަޕޫރްގައި ހުންނަވަނިކޮށް އޭނާގެ ޕާސްޕޯޓް ހިފެހެއްޓި ކަމަށް ރާއްޖޭގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ. އެއަށް ޖަވާބު ދެއްވަމުން ސިޔާމް ވިދާޅުވީ މީޑިއާގައި އޭނާއާ ގުޅުވައި ދެއްކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. ނޫސްތަކުން އެ ވާހަކަ ރިޕޯޓްކޮށްފައިވަނީ އޭނާގެ ބަހެއް ނުހޯދާ ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް އެނގޭ ކަމެއްވެސް ނޫން ތީކީ. އަޅުގަނޑަށް ތި ހަބަރު ލިބުނީ ހަމަ މީޑިއާތަކުގެ ހެޑްލައިނުން" ސިޔާމް ވިދާޅުވިއެވެ. ޕާސްޕޯޓް ހިފެހެއްޓީ ވާހަކަ ފެތުރިކަމަށް ސިޔާމް ތުހުމަތު ކުރެއްވީ އެމްޑީޕީގެ ޕްރައިމަރީން ނާކާމިބާޔަވެވަޑައިގަތުމުން އަމިއްލަ ޕާޓީއެއް އުފެއްދެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ.

އޭނާ އެހެން ވިދާޅުވެފައި މިވަނީ ޕާސްޕޯޓުގެ ހިފެހެއްޓި ކަމުގެ އަޑުތައް ފުރަތަމަ ޝޯޝަލް މީޑިއާ ގައި އާންމު ކުރީ ނަޝީދު ގެންގުޅުއްވާ ކަމަށް ތުހުމަތު ކުރެވޭ "ހަސަން ކުރުސި" ނަމަކަށް ކިޔާ އައިޑީއަކުން ވާތީއެވެ. ހިލްޓަން މައްސަލައާ ގުޅޭ ގޮތުންވެސް ނޫސްވެރިން ސުވާލު ކުރިއެވެ. އެކަމަކު ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކަށްވާތީވެ ސިޔާމް އެދުނީ އެ ވާހަކަތައް އެ ކުންފުނީގެ ވަކީލުން ގާތު އެހުމަށެވެ.