"މިރަށަކު ނެތޭ ސާފު ތާޒާ ބޯފެނެއް. ނަޖިހާއެކު ތަގައްޔަރުވެފައޭ ހުރީ. މިރަށަކަށް ރަނގަޅަކަށް ކަރަންޓެއް ނުލިބެއޭ. އިންޖީނުގެ ހުރީ ސްކޫލާ ޖެހިގެންނޭ ނޫނީއްޔާ ގެތަކުގެ ތެރޭގައޭ. ރޭގަނޑު ވެއްޖިއްޔާ ނިދޭ ވަރެއް ނޫނޭ [ޖަނެރޭޓަރުތަކުގެ އަޑާއި ހެދު]. ސްކޫލުތަކަށް ބޭނުންވާ ކްލާސް ރޫމުތަކުގެ ވާހަކަ ދެއްކި، ހާއްސަކޮށް މަލްޓި ޕާޕަސް ހޯލު މިއީ އަޅުގަނޑު ދަތުރުކުރި [2018ގެ ރިޔާސީ ކެމްޕެއިންގައި] ކޮންމެ ރަށަކުން އިވުނު އަޑެއް،" މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހއ. ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރޭ ވިދާޅުވިއެވެ.

މިއީ 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރާއްޖޭގެ ރަށްތަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކުގައި އެ ރަށްތަކުން އެމަނިކުފާނާއި ހަމައަށް އައި އެކި ޝަކުވާތަކެވެ. މި ނޫނަސް ގިނަ ޝަކުވާތަކެއް ލިބިވަޑައިގަތެވެ.

"މިއަދަކު އަޑެއް ނީވޭ ފެނާއި ނަރުދަމާގެ ވާހަކައެއް. ނީވޭ އެއްވެސް ރަށަކުން. އެހެން ނޫންތޯ ވާނީ 141 ރަށުގައި އަަޅުގަނޑުމެން ވީ ވައުދާއި އެއްގޮތަށް އެ މަޝްރޫއު ކުރިޔަށް އެ ދަނީ. ހިނގަމުން ނިމެމުން އެ ދަނީ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު އަނެއްކާވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރާއްޖޭގެ ރަށްތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި މީގެ ފަސް އަހަރު ކުރިން އިވުނު އެއްވެސް ޝަކުވާއެއް ލިބެމުން ނުދާ ކަމަށެވެ. އެ ޝަކުވާ ރައްޔިތުން ކުރަމުން ނުދަނީ ސަރުކާރުން ވީ ވައުދާއި އެއްގޮތަށް އެ މަސައްކަތްތައް ކުރެވެމުން ދާތީ ކަމަށެވެ.
ޝަކުވާގެ އަޑު ކެނޑުނު ދާއިރާތައް:

150 ރަށުގައި އިންޖީނުގެތައް ބަދަލުކޮށް އާ އިންޖީނު ބަހައްޓާ ނެޓުވޯކް އަޅަމުން ދިއުން
1578 ކްލާސްރޫމާއި 85 މަލްޓިޕާޕަސް ހޯލު އެކި ރަށުގައި އަޅާ ނިމުން
18،000 ދަރިވަރުން ހިލޭ ޑިގްރީ އަށް ދަނީ ކިޔަވަމުން
އެކި ރަށްރަށުގައި 41 ފުޓުބޯޅަ ދަނޑު އަޅާ ނިމުން
70 ފުޓްސަލް ދަނޑު އަޅާ ނިމުން
17 ވޮލީ ކޯޓެއް އަޅާ ނިމުން
52 ރަށެއްގެ ލަފާ ފުރުމުގެ މަސައްކަތް ހައްލު ކުރެވުން
42 ރަށެއްގައި މަސައްކަތް ދަނީ ކުރިޔަށް
31 ރަށެއްގައި އީއައިއޭގެ މަސައްކަތް ނިމުމުން އަމަލީ މަސައްކަތް ފެށިގެން ދާނެ
8 ރަށެއްގައި ބިން ހިއްކާ ނިމި، 13 ރަށެއްގައި މަސައްކަތް ދަނީ ކުރިޔަށް

ރައީސް ވަނީ ސިއްހީ ދާއިރާ އަށް ގެންނަން ބޭނުންވި ތަރައްގީ ބޭނުންވާ ސްޕީޑުގައި ކުރިޔަށް ނުދާކަން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާތަނަށް އައިއިރު ހަތް އަތޮޅެއްގައި ދަތުގެ ފަރުވާ ދޭން ފެށިފައިވާ ކަމަށާއި ފަސް އަތޮޅެއްގައި ސީޓީ ސްކޭނުގެ ހިދުމަތް ދޭން ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މާލެ ސަރަހައްދު ފިޔަވާ އުތުރާއި ދެކުނުގައި އެމްއާރްއައިގެ ހިދުމަތް ދެވެން ފެށިއްޖެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.