މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕަށް އެންމެ ވަރުގަދައަށް ތައްޔާރުވީ އެއް ޓީމު ކަމަށްވާ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން 2-0 އިން ކަސްޓަމްސް ރެކްރިއޭޝަން ކްލަބް ބަލިކޮށް މޮޅަކުން މުބާރާތް ފަށައިފި އެވެ.
އާރުއާރުސީއަކީ 2021 ވަނަ އަހަރު ބޭއްވި ކްލަބް މޯލްޑިވްސްގެ ޗެމްޕިއަނުންނެވެ. މިދިޔަ މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ޓީމަށް އިތުރުވީ އައު ކުޅުންތެރިންނާއެކު މިފަހަރު އެ ޓީމުން ވަނީ މުބާރާތަށް ރަނގަޅަށް ތައްޔާރުވެ އަނެއްކާވެސް ތަށި ނެގުމަށް އަމާޒު ކަނޑައަޅާފައެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި އާރްއާރްސީ އަށް ލީޑުނަގައިދިނީ ޔާމީން (ޔާން) އެވެ. މިއީ، ހިސާމް ސަލީމް (ކޮކީ) ދިން ބޯޅައަކުން ޔާނު ޖެހި ގޯލެކެވެ. ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި އާރްއާރްސީގެ ދެ ވަނަ ގޯލު ޖެހީ އަލީ ޝިފާއު (ރޮނާ) އެވެ. ރޮނާ ޖެހި ބޯޅަ ގޯލަށް ވަނީ ކަސްޓަމްސްގެ ކީޕަރު އިބްރާހިމް ވަހީދު އަތުގައި ޖެހިފަ އެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާ ގޯލެއްވެސް ކާމިޔާބުކުރި ޔާނުއެވެ.

[caption id="attachment_55404" align="alignnone" width="2048"] ކްލަބް މޯލްޑިވްސް ކަޕުހައި އާރުއާރުސީއާއި ކަސްޓަމްސް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗުން އާރުއާރުސީ މޮޅުވީ 2-0 އިން --- ފޮޓޯ/އާރުޑީސީ މީޑިއާ[/caption]

ކުލަބް މޯލްޑިވްސް ކަޕް 2023 ގައި އާރުއާރުސީއާ އެއް ގުރޫޕެއްގައި ދެން އޮތީ ކްލަބް ޓީއެމްއޭއާއި އީއާރުއެފްސީއެވެ. ޓީއެމްއޭއާއި އީއާރުއެފްސީ ބައްދަލު ކުރި މެޗުން ޓީއެމްއޭ ފަހުވަގުތު ޖެހި ގޯލުން ވަނީ 2-3 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އާރުއާރުސީއިން ކުޅޭ ދެވަނަ މެޗުގައި ޓީއެމްއޭއާ ބައްދަލު ކުރާނީ މި މަހުގެ 23 ވާ އާދީއްތައިގައެވެ.

ކްލަބް މޯލްޑިވްސް މުބާރާތުގައި މިއަދު ހަވީރާއި މިރޭ ކްލަބް މޯލްޑިވްސް ކްލަސިކް ޑިވިޝަނުގެ ހަތަރު މެޗެއް ކުޅޭއިރު، ކްލަބް މޯލްޑިވްސް ކަޕްގެ ދެ މެޗެއް ކުޅެވިގެންދާނެ އެވެ.
އެގޮތުން ކުލަބް މޯލްޑިވްސްގައި ކުޅޭ ދެ މެޗުގައި ބައްދަލު ކުރާނީ މޯލްޑިވިއަން އަދި ބަރޮސް މޯލްޑިވްސްގެ އިތުރުން ޓީމް އެފްއެސްއެމް އަދި އުރީދޫއެވެ.