ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އެގޮތުން އެ ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަންނަ ސެޕްޓެމްބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓާ ކުރުމަށާއި އޮބްޒާވް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިއްޔެގެ 12:00 އިން ފެށިގެން އަންނަ މަހުގެ 13ވަނަ ދުވަހުގެ މެންދުރުފަހު 15:00އާއި ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އޮބްޒާވަރުންނާއި މޮނީޓަރުންގެ ޝަރުތު:

އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން. ނުވަތަ، (ނޫސް މަޖައްލާފަދަ ތަކެތީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން. ނުވަތަ ބައިނަލްއަގުވާމީ މީޑިއާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން.
އިންތިހާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ބަހައްޓާނީ 604 ވޯޓު ފޮށީ ކަމަށެވެ.

އީސީން ބުނީ އަތޮޅުތަކުގައި 319 ވޯޓު ފޮއްޓެއް ބަހައްޓަން ހަމަޖެހިފައިވާއިރު ރިސޯޓުތަކުގައި 78 ވޯޓު ފޮށި ބަހައްޓާނެއެވެ. ހުޅުމާލެ ފޭސް އެކަކާއި ދެއެއްގައި ޖުމްލަ 39 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އީސީން ބުނީ ރީ-ރަޖިސްޓްރޭޝަނަށް ފަހު، ވޯޓުފޮށިތަކުގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.