ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ވެރިކަމެއް އޮންނައިރުވެސް ޕާޓީ ތެރެއިން ވެރިކަން ބަދަލުކުރުމަކީ އެމްޑީޕީގެ ތެރޭގައި ހަރުލާފައި ހުރި އާދައެއް ކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ވެރިކަންތައް ބަދަލުކުރަން އެެހެން އެއްވެސް ޕާޓީއަކަށް އެމްޑީޕީއާ ފައިހަމަ ނުކުރެވެއެވެ. އެހެންވެ އެ ޕާޓީ ނަންވެފައި އޮންނަނީ ވެރިކަންތައް ބަދަލުކުރުމަށާއި އިދިކޮޅު ސިޔާސީ އުުކުޅުތަކަށް މޮޅު ޕާޓީއެއްގެ ގޮތުގައެވެ.

ހއ. މާރަންދޫގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި އެމްޑީޕީގެ ދެ ވަނަ ވެރިކަމެއް ކުރައްވަމުން ގެންދަވާ ރައީސް ސޯލިހު ވިދާޅުވި ވެރިކަންތައް ބަދަލުކުރުމަކީ އެމްޑީޕީގެ ދާއިމީ ސިޔާސަތެއް ނޫން ކަމަށެވެ. ވެރިކަން ބަދަލުކުރަން މަސައްކަތްކުރާ ގޮތަށް ވެރިކަންތައް ދެމެހެއްޓުމަށްވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ވެރިކަންތައް ބަދަލުކުރުމަކީ ޕާޓީ ތެރޭގައި ހަރުލާފައި ހުރި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"އެ ވިސްނުން (ސަރުކާރު ބަދަލުކުރުމުގެ) ބައެއް ބޭބޭފުޅުންގެ އަދިވެސް އެބަހުރި. ޕާޓީ ތެރޭގައި ވެރިކަމުގައި ތިބެވެސް ވެރިކަން ބަދަލުކުރުމުގެ ވިސްނުން އެބަހުރި، އެއީ ހަރުލަފާއި ނުނެއްޓި ހުރި ކަންކަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ޕާޓީ ވެރިކަން ބަަދަލުކުރަން މަސައްކަތްކުރުމުގެ ވާހަކަ ރައީސް ވިދާޅުވެފައި މިވަނީ އެމްޑިޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސްއާ ވާދަކުރައްވާ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފައްދާފައި ވަނިކޮށެވެ. އެ ޕާޓީން އަމާޒު ހިފާފައި ވަނީ ރައީސް ސޯލިހުގެ ވެރިކަން ބަދަލުކުރުމެވެ.

ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އެ ޕާޓީން ކެނޑިޑޭޓަކު ނިކުންނާނެ ކަމަށް ޑިމޮކްރެޓްސް އިން ބުނެއެވެ. އެހެންވެ ވަރަށް އަވަހަށް ކެނޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއްވެސް އޮންނާނެއެވެ. ނަމަވެސް ވެރިކަމަށް ކުރިމަތިލުމުގެ ޝައުގެއް ނެތް ކަމަށް ރައީސް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ. ދާދި ފަހުން ނަޝީދު ވިދާޅުވީ އެމްޑީޕީ "ރޫޅާލާނެ" ކަމަށެވެ. އެކަމަކު ޑިމޮކްރެޓްސް އަކީ މާ ބޮޑު ޗެލެންޖެއް ނޫން ކަމަށާއި އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެއެވެ.