ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ ސިޔާސީ ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިމުމަކަށް ނާންނަނީސް އެ ބައްދަލުވުން ދޫކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަޑައިގެންފިއެވެ.

މިއީ އެއް ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާ އަށް ޕާޓީތަކުން ބޭއްވި ފުރަތަމަ މަޝްވަރާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާއި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމުގެ އިތުރުން ދާދިފަހުން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވި މަޖިލީހުގެ ރައީސް ނަޝީދު ހިމެނިވަޑައިގަންނަވައެވެ.

މި މަޝްވަރާ ބައްދަލުވުން އޮތީ ޖޭޕީގެ މައި މަރުކަޒު މ. ކުނޫޒުގައެވެ. އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވީ ތިން ޕާޓީއަށް ވެސް އެއް ކަމަކަށް އެއްބަސްވެވިއްޖެ ކަމަށެވެ. އެއީ ސަރުކާރާއި އިދިކޮޅު ހުރިހާ ޕާޓީތަކަކަށް ވެސް އެއްބަސްވެވޭނެ ރިޔާސީ ކެންޑިޑޭޓަކު ހޯދުމުގެ މަސައްކަތް ކުރުން ކަމަށެވެ.

""އަޅުގަނޑުމެން އަދި ޕީޕީއެމާއި އެމްއާރުއެމް ވެސް ވާހަކަ ދައްކާނަން، މި ކަމަށް އެއްބަސްވެވޭތޯ،" ގާސިމް ވިދާޅުވިއެވެ.

ގާސިމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެ ބައްދަލުވުމުގައި ދެކެވިގެން ދިޔައީ މައިގަނޑު އެއް ވާހަކައެއް ކަމަށެވެ. އެގޮތުން އެ ވާހަކައަކީ ހުރިހާ މެންބަރުންނަށް އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ހޯދުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ދެން އުސޫލެއްގެ ގޮތުން އެއީ ވާހަކަތައް ކުރިޔަށް ގެންދަން ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އެއްބަސްވެވޭ،" ނަޝީދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ އެމްޑީޕީގައި ނަޝީދު ހުންނެވިއިރު އަދި މިއަހަރު އެޕާޓީގެ ތެރޭގައި ބޭއްވި ރިޔާސީ ޕްރައިމަރީގެ ތެރޭގައި ނަޝީދު ދެއްކެވި ވާހަކަފުޅަކާއި ގުޅޭ ސުވާލެއް ކޮށްފައެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ގިނަ ޕާޓީތަކަށް ނުވަތަ ކެންޑިޑޭޓުންނަށް ވާދަ ކުރުމުގެ ފުރުސަތު ދޭން ވާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވާތީ ނޫސްވެރިޔާ ވަނީ މިހާރު ނަޝީދުގެ ސްޓޭންޑު އެކަމުގައި ބަދަލުވީތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ނުދެއްވާ ނަޝީދު ވަނީ ބައްދަލުވުމާއި ގުޅޭ ވާހަކަ ތަކުރާރު ކުރައްވާފައެވެ. އަދި އެއަށްފަހު ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުން އެމަނިކުފާނު ވަކިވެލާނެ ވާހަކައެވެ. ނޫސްވެރިންގެ ބައްދަލުވުމުން ނަޝީދު ވަކިވި ނަމަވެސް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ނޫސްވެރިންގެ ގިނަ ސުވާލުތަކަކަށް ޖަވާބު ދެއްވާފައެވެ.