މުސްތަގުބަލުގައި ކަންކަން ވެގެންދާނެ ގޮތް ނޭގޭނެ ކަމަށާއި މާދަމަ ފެންނަ މީހަކަށް ވެރިކަމެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އެހެން ވިދާޅުވީ ހއ. ހޯރަފުށީގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ ވާހަކަ ދެއްކެވީ ކޮވިޑް-19 ގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމުން ރާއްޖޭގެ ފަތުރުވެރިކަން ހަލާކުވެގެން ދިޔައީ ކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތަކުން ދެއްކެވި ވާހަކަތަކާއި ގުޅުވައެވެ. އެ ފަރާތްތަކުން ދެއްކި ވާހަކަތަކުގެ އިބާރާތް ހުރި ގޮތުގެ ހަނދާން އާ ކުރައްވާ ރައީސް ވިދާޅުވީ ކަންތައްތައްވަމުން ދަނީ އެ މީހުން ކުރި އަންދާޒާތަކާއި މުޅިން ހިލާފަށް ކަމަށެވެ.

"ރިސޯޓުތަކުގެ ބަދިގެތަކުގައި ދެން ވީ މަސް ކައްކާށޭ، ރިސޯޓުތަކުގައި ދެން ވީ ދަނޑުވެރިކަންކުރާށޭ. ދެން މި ރާއްޖެއަށް އަންނާނެ ޓޫރިސްޓަކު ނުވާނެޔޭ" ވެރިކަމުގެ ފަސް ވަނަ ފަހަރަށް ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވިދާޅުވިއެވެ.

ސިޔާސީ މީހުން ދެއްކި ވާހަކަތައް އެމަނިކުފާނު ރައްދު ދެއްވީ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުތަކުންނެވެ. ރާއްޖެއަށް މިއަހަރު އައި އެއްމިލިއަން ފަތުރުވެރިން އައިސްފައިވެއެވެ. އެއް މިލިއަން ވަނި ފަތުރުވެރިޔާ އައީ އާދިއްތަ ދުވަހުއެވެ.

ކޮވިޑްގެ ތެރޭގައި ސަރުކާރުން އެޅި ފިޔަވަޅުތައް ދިފާއު ކުރައްވަމުން ރައީސް ވިދާޅުވީ އެ ފިޔަވަޅުތައް އެޅީ ރާއްޖޭގެ މުސްތަގުބަލު އޮތުމުން ކަމަށެވެ. އަވަށްޓެރި ގައުމުތަކުން ކޮވިޑާ ގުޅިގެން މަޝްރޫއުތައް ހުއްޓާލުމުން ކަންވީގޮތް އެ ގައުމުތަކުގެ ވަޒީރުން ހިއްސާކޮށްފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖެއިން ކަންތައްތައް ކުރީ ވަކި އަމާޒަކަށް ވާސިލުވާން ޕްލޭނެއްް އޮވެގެން ކަމަށެވެ.