ބައިބައިވުމާއި ދެކޮޅުވެރިކަމާއި ހަސަދަވެރިކަން ދޫކޮށްލައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބެ، ކޮންމެ ކަމެއްގައި ވެސް ގައުމީ މަސްހަލަތު އިސްކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފިއެވެ.

ހިޖުރީ އައު އަހަރާއި ގުޅިގެން ރައީސް ސޯލިހު ފޮނުއްވި ހިތާބެއްގައި މިރޭ ވިދާޅުވީ ހިޖްރައިގެ މަތިވެރި ހާދިސާގެ އިހާއި ފަހާ ގުޅިފައިވާ ކަންކަމުން ތަސައްވަރުވެގެން ދަނީ، މިނިވަންކަމާއި ހަމަޖެހުމާއި ސުލްހަވެރިކަމަށް އިންސާނީ ތަބީއަތު މުހުތާދުވެފައިވާ މިންވަރު ކަމަށެވެ. ހިޖްރައިގެ ބިންގަލުގެ މަތީގައި އުފަންވި އިސްލާމީ އުންމަތް ދުނިޔެއަށް ސާބިތުކޮށް ދިނީ، އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަހުވަންތަކަމުން އިންސާނީ މުޖްތަމައު އަށް ލިބިގެންދާ ކުރިއެރުމާއި ފާގަތިކަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މާތް ނަބިއްޔާ ކޮށްޓަވައިދެއްވި މަގުގައި ސާބިތުވެ ތިއްބެވި އެކަލޭގެފާނުގެ މިތުރު ސަހާބީން ދައްކަވައިދެއްވީ، މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި ފަރުދީ ޒިންމާ އަދާކުރުމުގެ އެންމެ މަތިވެރި ނަމޫނާއެވެ" ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

ހިޖްރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ އެންމެ މުހިންމު އެއް މަގުސަދަކީ، މައްކާގެ ބިމުގައި ނާމާންކަމާއި ހިތްދަތިކަމުގައި އުޅެމުން ދިޔަ މުސްލިމުންނަށް، މަދީނާގެ ބިމުން އުފާވެރިކަމާއި އަމާންކަން ހޯއްދަވައިދެއްވުމަށް ކަމަށާއި މަދީނާގެ ބިމުގައި އިސްލާމީ އުންމަތް ކުރިލައި ހެދިގަތީ، ހިޖްރައަށް ފަހުގައި މުސްލިމުންނަށް ލިބުނު އަމާންކަމާއި ހިތްހަމަޖެހުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ހިޖްރީ އައު އަހަރެއްގެ ފެށުން ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، އެ މަތިވެރި ހާދިސާއިން އަޅުގަނޑުމެންނަށް ލިބިދޭ މިފަދަ ފިލާވަޅުތަކުން އިބްރަތް ހާސިލުކުރެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ" ރައީސް ވިދާޅުވިއެވެ.

ގައުމީ ތަރައްގީގެ މުޅިން އައު ފަތިހަކަށް ދިވެހި އުންމަތް އަލިވިލިފައިވާ މި ދަނޑިވަޅުގައި، މިސްރާބު އަމާޒުކުރަންވީ، ދިވެހިންގެ މެދުގައި އޮތް ހަމަޖެހުމާއި ސުލްހަވެރިކަމުގެ މަތީގައި ގައުމު ބިނާކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސްގެ ހިތާބުގައި ވިދާޅުވީ އުފާވެރިކަމާއި އަމާންކަންމަތީ ދެމި ތިބެ ދިރިއުޅުން އާރާސްތުކޮށް، އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއަރާފައިވާ ތަހުޒީބީ ގައުމެއްގެ ގޮތުގައި، ކުރިމަގުގެ ޖީލުތަކަށް ދިވެހި ގައުމު ފޯރުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.