ވެރިކަންކުރާ އެމްޑީޕީގެ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި އުފެދުނު ފެކްޝަނަކުން ސިޔާސީ ޕާޓީއަކަށް ބަދަލުވި ދަ ޑިމޮކްރެޓްސްގެ ވިޔަފާރީގެ ސިޔާސަތު އިފްތިތާހު ކުރުމަށް އަތޮޅު ތެރެއަށް ދަތުރު ފަށައިފިއެވެ.

ޑިމޮކްރެޓުން ބުނީ މިއަދާ މާދަމާ ކުރާ ދަތުރުގައި 52 ރަށަކަށް ދަތުރުކޮށް ޕާޓީގެ އިގުތިސާދީ ފުރަތަަމަ ސިޔާސަތު؛ އަމިއްލަ މަސައްކަތުން އާންމުދަނީ ހޯދާ ދިރިއުޅުން ބިނާކުރުމަށް "ފަސޭހަ ވިޔަފާރި" އިއުލާނު ކުރާނެ ކަމަށެވެ. މިރޭ ބާއްޕާ ޕޮލިސީ ލޯންޗު ހަފްލާއަށް 36 ރަށަކަށް ޓީމްތައް ބަހާލެވިފައިވާނެ ކަމަށް އެ ޕާޓީން ބުންޏެވެ. އެކަމަކު ވަކި ރަށްތަކެއް ހާމައެއް ނުކުރެއެވެ. ބޮޑު ލޯންޗިން ބ. ތުޅާދޫ ގައި އޮންނައިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ދަތުރުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ޕާޓީގެ ސްޕޯކްސް ޕާސަން އަފްޝަން ލަތީފަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ މި ދަތުރާ ބެހޭ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.

ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ހޮވަން ޕްރައިމަރީއެއް ބާއްވާނެކަން ޑިމޮކްރެޓުން އިއުލާން ކޮށްފައިވެއެވެ. ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނެ ކަމަށް ބެލެވެއެވެ. އެކަމަކު އަދި މިހާތަނަށް ސީދާ އެކަން ހާމަކޮށްފައެއް ނުވެއެވެ. ނަޝީދު ވިދާޅުވާ ގޮތުގައި އެމްޑިޕީގެ ބޮޑު ފަޅި އޮތީ ޑިމޮކްރެޓްސްގައެވެ. އަދި ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީ "ރޫޅާލާނެ" ކަމަށެވެ. އެކަމަކު އިންތިހާބުގައި ޑިމްކޮރެޓުންނަކީ މާ ބޮޑު ޗެލެންޖެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެކިވަޑައެއް ނުގަންނަވައެވެ.

https://twitter.com/lucasjalyl/status/1681180290402910208

ރިޔާސީ އިންތިހާބު ކުޑަތައް ވެފައިވާއިރު ބޮޑު ކޯލިޝަނާއެކު އެންމެ ގަދަޔަށް ކެމްޕޭނު ކުރައްވަމުން ގެންދަވާ އެއް ބޭފުޅަކީ ރައީސް ސޯލިހުއެވެ. އެމްއެންޕީންނާއި ޖޭޕީންވެސް ކޮންމެވެސް ވަރަކަށް ކެމްޕޭނު އެބަކުރެއެވެ. އެކަމަކު ޕީޕީއެމުން މާ ބޮޑު ކެމްޕޭނެއްކުރާ މަންޒަރެއް ނުފެނެއެވެ. އެއީ އެ ޕާޓީގެ ރިޔާސީ ޓިކެޓް ދީފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮތުމުންނެވެ. ހިޔާނާތުގެ ކުށުގައި ޖަލުގައި އޮންނެވި ޔާމީނަކީ ޕާޓީގެ ކެނޑިޑޭޓްކަމަށް އިދިކޮޅުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ޔާމިންގެ މައްސަލަ ނިމެންދެން އިންތިހާބު ލަސްކުރަންވެސް ރޭ ގޮވާލިއެވެ.