އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިން މޭޓަކަށް ވުމުގެ އެއްވެސް ޝައުގުވެރިކަމެއް ނުގެންގުޅުއްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައި ވަނީ ބައެއް ނޫސްތަކުގައި ރައީސްގެ ރަނިން މޭޓަކަށް ފައްޔާޒު ހެދުމަށް އެމްޑީޕީގެ ތެރޭގައި މަސައްކަތް ކުރަމުން ގެންދާ ވާހަކައަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ވިދާޅުވީ ރަނިން މޭޓަކަށްވުމުގެ އެއްވެސް ޝައުގެއް އެމަނިކުފާނުގެ ނެތް ކަމަށެވެ. އަދި ރަނިން މޭޓަކަށްވުމުގެ ޝައުގު ފައްޔާޒު ގެންގުޅުއްވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ގެންދަވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. އަދި އެގޮތަށް މޫސަ ކަން ކުރެއްވުމަކީ ދެރަ ކަމެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

https://twitter.com/faya_i/status/1681193292598333440?s=20

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރަމުން އަންނައިރު މިވަގުތު ސިކުނޑީގައި އިން އެންމެ ބޮޑު މައްސަލަ އަކީ ރަނިންމޭޓުގެ މައްސަލަ ކަމަށް ރައީސް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ކެމްޕެއިނުގައި މ. އަތޮޅާއި އަދި ވ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމާލައްވާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން ޕާޓީގެ އިސްވެރިންނާއެކު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ރަނިން މޭޓަކަށް ކަނޑައަޅާނެ ބޭފުޅަކާއި ގުޅޭ ގޮތުން ގިނަ ނަންތަކެއް ލިބެމުން އަންނަ ކަމަށެވެ.

"މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެކި ބޭފުޅުން އެކި ނަންތައް ދެއްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އަދި އެއްވެސް ނަމަކާއި މެދު ގޮތެއް ނުނިންމަވާ ކަމަށެވެ.