ކޮރަޕްޝަނުގެ ތުހުމަތުގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގެ ކޯޓުހގެ މަރުހަލާ ނިމެންދެން ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ފަސްކުރަން ޕީޕީއެމް/ޕީއެންސީގެ ވަގުތީ ލީޑަރު އަދި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފިއެވެ.
ވ. އާރަށުގެ ހިޔާނާތުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ޔާމީން ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. މައްސަލަ އިސްތިއުނާފްކުރަން ހައި ކޯޓަށް ހުށަހަޅައިފައިވީ ނަމަވެސް ފަނޑިޔާރުން ޗުއްޓީ ނެންގެވުމާ ގުޅިގެން މައްސަލަ އޮތީ ހުއްޓިފައެވެ.
އޭގެ އިތުރުން ދަށު ކޯޓުގައި، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަކުރުމާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ މައްސަލަ ވެސް އެބައޮތެވެ.
https://twitter.com/Banafsaa/status/1681020354104532993?s=20
އަދުރޭ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބާރާ ނުފޫޒުގެ ބޭނުންކޮށްގެން އިދިކޮޅު ލީޑަރު އަދި ދިވެހީންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިހާބެއް އިންސާފުވެރިއެއް ނުވާނެ ކަމަށެވެ.
"ރައީސް ޔާމީނަށް އިންސާފު ލިބެންދެން ރިޔާސީ އިންތިހާބު ފަސްކުރުމަށް ގޮވާލަން" އަދުރޭ ގޮވާލެއްވިއެވެ.
ޔާމީން މިނިވަންވުމާއި މެދު ޝައްކު އުފެދިފައިވީ ނަމަވެސް އެ ޕާޓީގެ ކެނޑިޑޭޓަކީ ޔާމީން ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދެއެވެ. އެކަމަކު އަޑިއަޑިން ލީޑާޝިޕްގެ ބައެއް ބޭފުޅުން ކެމްޕޭނު ކުރައްވަމުން ގެންދަވާ ކަމުގެ އަޑުތައް ފެތުރެއެވެ. އެކަމަކު އިދިކޮޅުން އެ ވާހަކަތައް ދޮގުކުރެއެވެ.