ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރަމުން އަންނައިރު މިވަގުތު ސިކުނޑީގައި އިން އެންމެ ބޮޑު މައްސަލަ އަކީ ރަނިންމޭޓުގެ މައްސަލަ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނުގައި މ. އަތޮޅާއި އަދި ވ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމާލައްވާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން ޕާޓީގެ އިސްވެރިންނާއެކު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ރަނިން މޭޓަކަށް ކަނޑައަޅާނެ ބޭފުޅަކާއި ގުޅޭ ގޮތުން ގިނަ ނަންތަކެއް ލިބެމުން އަންނަ ކަމަށެވެ.

"މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން. ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ،" ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީން ނިކުންނަނީ ދެ ޕާޓީއަކާއެކު ކޯލިޝަނެއް ހަދައިގެންނެވެ. އެއީ މިހާރުވެސް ސަރުކާރު ކޯލިޝަން ޕާޓީތަކުގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އެވެ.

ދެން މި އިންތިހާބުގައި ވާދަ ކުރައް ވާނެ ކަމަށް އިއުލާނު ކޮށް ޓިކެޓު ހަވާލު ކޮށްފައިވާ ކެންޑިޑޭޓުންނަކީ މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމެވެ. ނަމަވެސް މިއިން އެއްވެސް ބޭފުޅަކު އަދި ރަނިންމޭޓަކު ކަނޑައެއް ނާޅައެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފައެވެ.