އަނެއްކާ ވެސް އިންޓަނެޓު އަގުހެޔޮ ކުރާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ވ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ރަކީދޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މިއަދު ވިދާޅުވީ އަންނަ މަހުގެ ތެރޭގައި އޯގަސްޓުމަހުގެ މެދެއްހާ ހިސާބުގައި ފްރާންސްގެ މާސޭ އިން ސިންގަޕޫރާއި ހަމައަށް ސަބްސީ ކޭބަލްއެއް ރާއްޖެ އަށް އެއްގަން ކުރެވިގެން ދާނެ ކަމަށެވެ.

"ނަތީޖާއަކަށް ވެގެންދާނީ މިހާރު އަޅުގަނޑުމެންނަށް މިލިބޭ އިންޓަނެޓުގެ އަގު ހެޔޮ ވެގެން ދިއުން. ސަރުކާރުން ކުރަން މިއުޅޭ ކަމަކީ ކޮންމެހެން އިންޓަނެޓުގެ ރީޓެއިލް ހިދުމަތުގެ ތެރެއަށް ވަންނާކަށް ނޫން. މޯބައިލް ފޯނުގެ ހިދުމަތް ދޭކަށެއް ނޫން. މިހާރުވެސް އެ ހިދުމަތް ދޭ ފަރާތްތަކާއި އަލުން އޭގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން. ފަސޭހައިން ދުނިޔެ އާއި ގުޅުވާލާ ނިޒާމެއް އަޅުގަނޑުމެން މި ފޯރުކޮށްދެނީ،" ރައީސް ވިދާޅުވިއެވެ.

https://twitter.com/MDPSecretariat/status/1680929700846387201?s=20

އިންޓަނެޓު އަގުހެޔޮ ކުރުމަކީ ރައީސް ސޯލިހު 2018ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު ރިޔާސީ ވައުދެކެވެ. އެ ވައުދު އެމަނިކުފާނު ވަނީ 2021ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފުއްދަވާފައެވެ. އެއާއެކު މިހާރު އިންޓަނެޓުގެ ހިދުމަތް ދެމުން އަންނަނީ ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކުގައެވެ.
ސަރުކާރުން ކަނޑައެޅި އަގުތައް:

30 ޖީބީ – 250 ރުފިޔާއަށް، 25 އެމްބީޕީއެސްގައި. އަދި މިޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ 2 އެމްބީޕީއެސް.
100 ޖީބީ – 500 ރުފިޔާއަށް، 15 އެމްބީޕީއެސްގައި. އަދި މިޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ 5 އެމްބީޕީއެސް.
200 ޖީބީ – 700 ރުފިޔާއަށް، 25 އެމްބީޕީއެސްގައި. އަދި މިޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ 5 އެމްބީޕީއެސް.