މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން ގެންދާ ފްލެޓުތަކަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ފްލެޓު ލިބޭ މީހުންގެ ލިސްޓު މިމަސް ނިމުމުގެ ކުރިން ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގެދޮރުވެރިޔާގެ ޕްރޮގްރާމްގެ ދަށުން ފްލެޓްތަކަށް ކުރިމަތިލެއްވި ފަރާތްތަކުގެ ލިސްޓް ނެރޭނީ ކިހާތަކުތޯ ނޫސްވެރިން އޭނާއާ ސުވާލު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން ފްލެޓު ލިސްޓު ނެރުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://twitter.com/Akramkdeen/status/1680936172326096896?s=20

މިދިޔަ މަހު ސަރުކާރުން ވަނީ ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމު ކޮށްފައެވެ. އަދި މިމަހުގެ 15ވަނަ ދުވަހާއި ހަމައަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އޮތީ ހުޅުވާލައިފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް އަޅާ އެ ފްލެޓުތަކުގެ ތެރޭގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 500 އެޕާޓްމަންޓާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1500 އެޕާޓްމަންޓު އިމާރާތް ކުރެވިގެން ދާނެއެވެ. އެ މަޝްރޫގެ ކޮންސްޓްރަކްޝަން މަސައްކަތް ހަވާލު ކުރެވިފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑް އާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާއެވެ.

ފްލެޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު "ހަތާވީސް" އަށް ހިއްސާ ކުރައްވަމުން އެފްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓު މެނޭޖަރު އަހްމަދު ޝަމްއޫލް މީގެކުރިން ވިދާޅުވީ އެންމެ ފުރަތަމަ މަސައްކަތް ފެށުނު ޓަވަރުގެ މަސައްކަތްތައް ނިމި ފިނިޝިން މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އަދި އިތުރު ހަ ޓަވަރެއް ނިންމުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ޖުލައި، އޮގަސްޓު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.