ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގެ ތާއީދު އޮތީ އެމްޑީޕީ އަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރައީސް ސޯލިހު ވަނީ އެ އަތޮޅު ފުލިދޫ އަށް ވަޑައިގެން ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީއާއެކު ރިޔާސީ އިންތިހާބުގައި ބައިއަތު ހިފާފައިވާ އެމްޑީއޭ އަދި އަދާލަތު ޕާޓީ އަކީ ރައްޔިތުންނަށް ތަރައްގީ ގެނައުމަށް އަބަދުވެސް އެދޭ ދެ ޕާޓީ ކަމަށެވެ.

އަދާލަތު ޕާޓީ އަކީ 2018ވަނަ އަހަރު ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ހެދި ކޯލިޝަން ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ޕާޓީއެކެވެ. ނަމަވެސް އެ ކޯލިޝަން ޕާޓްނަރުންގެ ތެރޭގައި އެމްޑީއޭ އެއް ނުހިމެނެއެވެ. ރައީސް ވިދާޅުވީ އެޕާޓީ [އެމްޑީއޭ] އާއި އެމްޑީޕީ ގުޅުނީ އިއްޔެއަކު ނޫން ކަމަށެވެ.

"ދެހާސް އަށާރަވަނަ އަހަރުގެ ކެމްޕެއިން ތެރޭގައި އަޅުގަނޑަށް މައުރޫފާއި އެމްޑީއޭގެ ރައީސް ސިޔާމްއާ ސިންގަޕޫރުން ބައްދަލުވި. އެދުވަހުވެސް އެބޭފުޅުން ވިދާޅުވި މިތިބީ އެމްޑީޕީގެ ކޯލިޝަނާއެކީގައޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެބޭފުޅުން އެހެން ވިދާޅުވިއިރު 2018ގެ އިންތިހާބަށް ކޯލިޝަން ހެދުމަށް ނިންމި ޕާޓީތަކާއެކު ރަސްމީކޮށް ސޮއިކޮށްފައިވާތީ އެމްޑީއޭއާއެކު ރަސްމީ ސިފައެއްގައި އެ މަސައްކަތް ނުކުރެވުނު ނަމަވެސް އެދުވަހުގެ ބައްދަލުވުމުގައި އެއްބަސްވުންތަކެއް އެއްބަސްވެވުނު ކަމަށެވެ.

"އެހެންނަމަވެސް އެދުވަހު އަޅުގަނޑުމެންނަށް ވެވުނު އެއްބަސްވުންތަކާއެކީގައި މިއަދު މިހާ ހިސާބަށް އާދެވިފައި މިހުރީ،" ރައީސް ވިދާޅުވިއެވެ.