ޖާހު އިންވެސްޓްމަންޓުގެ ފަރާތުން ހުޅުމާލޭގައި ހިންގާ ހައުސިން މަޝްރޫއު ނުނިމި ދިގުލައިގެން ދާތީ އެ ފްލެޓުން އެޕާޓުމަންޓުތައް ނިންމުމުގެ މަސައްކަތް އާބަންކޯ އިން ކުރުމަށް އެކުންފުނިން ނިންމައިފިއެވެ.
އާބަންކޯ އިން މިދިޔަ މަހުގެ ހަވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖާހު އިންވެސްޓްމަންޓުގެ ފަރާތުން ހުޅުމާލޭގައި ހިންގާ ހައުސިން މަޝްރޫއު ނިންމުމަށް 30 ދުވަހުގެ ނޯޓިސްއެއް ދީފައިވާ ކަމަށެވެ.
މިގޮތަށް ނޯޓިސް ދިނުމުގެ ކުރިން، އެކި ފަހަރުމަތިން މަސައްކަތްތައް ނިންމުމަށް ގިނަ ފުރުސަތުތަކެއް އެ ކޯޕަރޭޝަނުގެ ފަރާތުން ޖާހު އިންވެސްޓްމަންޓަށް ވަނީ ދީފައެވެ. ނަމަވެސް ދީފައިވާ ނޯޓިސްގެ މުއްދަތު ހަމަވިއިރު ވެސް މަސައްކަތް ނިމިފައެއް ނުވެއެވެ.
އާބަންކޯ އިން މިއަދު ބުނީ ހުޅުމާލޭގައި ޖާހް ކޮންސްޓްރަކްޝަންގެ ފަރާތުން ތަރައްގީ ކުރަމުންދާ ހައުސިން ޔުނިޓްތައް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެކަމުގެ ސަބަބުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކަށްވާ ގެއްލުންތައް ކުޑަކޮށް ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް އާބަންކޯ އިން މަސައްކަތް ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
އެގޮތުން، އެ ޕްރޮޖެކްޓަކީ 91 ޕަސެންޓު މަސައްކަތް ނިމިފައިވާ ޕްރޮޖެކްޓެއްކަމުން، ޑިވެލޮޕަރު ބަދަލުކޮށް އައު ޑިވެލޮޕަރެއް ހޯދައި، މިހާރު ހުރި މަސައްކަތްތައް ކުރުމަކީ އެންމެ އެކަށީގެންވާ ކަމަކަށް ނުވާނެތީ، އެ ކޯޕަރޭޝަނުން އެ ކުންފުންޏާއި ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކްތައް ކުރިއަށް ގެންގޮސް ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ.
އާބަންކޯ އިން ބުނީ އެކުންފުނީގެ އަމާޒަކީ މި މަސައްކަތުގައި މިހާރު ވެވިފައިވާ އެއްބަސްވުންތަކާއި ޑިވެލޮޕަރުގެ ފަރާތުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި ދެމެދު ވެފައިވާ މުޢާމަލާތްތައް ބަލާ ދެ ފަރާތައްވެސް ގެއްލުން ނުވާނެހެން ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތްތައް ނިންމާލުން ކަމަށެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ހުޅުމާލޭގައި މެދުފަންތީގެ ހައުސިން މަޝްރޫއު ހިންގުމަށް ޖާހު އިންވެސްޓްމަންޓާއި ހަވާލު ކުރެވިފައިވާ މަޝްރޫއު ނުނިމި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.