ދެހާސް ތޭވީސްވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި އަދި އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ސަރުކާރު ހިންގާނީ ދިވެހި ރައްޔިތުންގެ އަގުލަބިއްޔަތު ބޭނުންވާ ގޮތަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރައީސް ސޯލިހު ވަނީ އެ އަތޮޅު ކެޔޮދޫ އަށް ވަޑައިގެން ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ 2018ވަނަ އަހަރު ދިވެހި ރައްޔިތުންގެ ގާތުގައި ވައުދުވި ކަންކަމުގެ 90 ޕަސެންޓަށްވުރެ މައްޗަށް އެ ވައުދުތައް ފުދެމުން އަންނަ ކަމަށެވެ.
އެހާ ހަމައަށް ސަރުކާރަށް ވާސިލުވެވުނީ ރާއްޖެ އަށް ގާއިމް ކޮށްދެވުނު ހަމަޖެހުމާއި އަމާން ކަމުގެ ސަބަބުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެފަދަ ހަމަޖެހުމެއް ގާއިމް ކުރެވުނީ ގިނަ ބަޔަކު އެކުވެގެން ސަރުކާރެއް ހިންގުމުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ދެހާސް އަށާރަވަނަ އަހަރު އެމްޑީޕީން ވެރިކަމާއި ހަވާލުވީ ގިނަ ޕާޓީތަކެއް ހިމެނޭ ކޯލިޝަނަކާއެކުގައެވެ. އެ އަހަރުގެ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އެމްއާރްއެމް އާއި އަދާލަތު ޕާޓީގެ އެހީތެރިކަން ލިބިގެން ދިޔައެވެ.
ނަމަވެސް 2023ވަނަ އަހަރު އެމްޑީޕީން ނިކުތީ އެ ތިން ޕާޓީގެ ތެރެއިން އެއް ޕާޓީއާއެކު ކޯލިޝަން ހަދައިގެންނެވެ. އެއީ އަދާލަތު ޕާޓީއެވެ. ދެން މިއަހަރުގެ އިންތިހާބުގައި އެމްޑީޕީއާއެކު ކުރިޔަށް ދިއުމަށް ކޯލިޝަން ހަދާފައި ވަނީ އެމްޑީއޭ އިންނެވެ.
ރައީސް ސޯލިހު ވިދާޅުވީ މި ހިނގާ ފަސް އަހަރު ރާއްޖޭގެ ހަމަޖެހުމާއި އަމާންކަން ގާއިމް ކުރެވިފައި އޮތީ ކޯލިޝަން އެގޮތުގައި ދަމަހައްޓައިގެން ކަމަށެވެ. ހިޔާލު ތަފާތު މީހުންނާއެކު މަސައްކަތް ކުރުމަކީ ބައެއް ފަހަރުތަކުގައި ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި އެހެންނަމަވެސް ރާއްޖޭގެ ހާލަތާއި ރާއްޖެ އޮތީ އެގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ ގިނަ ބައެއްގެ ހިޔާލު އެއްތަންކޮށް އޭގެތެރެއިން އެންމެ ރަނގަޅު ގޮތް ހޯދައިގެން މަސައްކަތް ކުރީމާ މި ހަމަޖެހުމާއި އަމާންކަން މި ގެނެސްދެވުނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ފަސް އަހަރުގެ ދައުރެއް ނިމިގެންދާއިރު މިއަދުވެސް އެ ކޯލިޝަން ދެމި އޮތް ކަމަށް ވިދާޅުވެފައެވެ. އަދިވެސް ރާއްޖޭގެ ވެރިކަން ކުރެވޭނީ ކޯލިޝަނެއްގެ ތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ވަކި ބަޔަކު ބާކީ ކުރުމަށްފަހު އަނެއް ބަޔަކު ބޭނުންވާ ގޮތަށް ކަންކަން ކުރާ ކަމަށްވާ ނަމަ، ހަމަޖެހުމާއި އަމާންކަން ގެއްލިގެން ހިނގައި ދާނެ ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.