އަރބަންކޯގެ 2023 ވަނަ އަހަރުގެ އެޕްރެންޓިޝިޕް ޕްރޮގްރާމް އިފްތިތާހުކޮށްފިއެވެ.
އެ މިޕްރޮގްރާމް އިފްތިތާހު ކުރުމަށް ޝްވެކް ސިނަމާގައި ބޭއްވުނު ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) ގެ ޑައިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ހަލީމް، އާބަންކޯގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު އާތިފް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އާބަންކޯ އިން ބުނީ އެކުންފުނީގެ އެޕްރެންޓެންސިޕް ޕްރޮގްރާމުގެ މަގުސަދަކީ ކަނޑައެޅިފައިވާ ދާއިރާތަކުން ފަންނީ އަދި ގާބިލް މީހުން ބިނާކުރުން ކަމަށާއި އަދި ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވަލައި ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި މަސައްކަތުގެ މާހައުލުގައި ބިނާކުރެނެވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެ ޕްރޮގްރާމު އެހީތެރިވެދޭނެ ކަމަށެވެ.
އެ ޕްރޮގްރާމަކީ އާބަންކޯއިން މިހާތަނަށް ހިންގާ 6 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަގައި 100 (ސަތޭކަ) ފަރާތަކަށް ބައިވެރިވުމަށް ފުރުސަތު ދީފައިވެއެވެ. މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް" ތަކާ އެއްގޮތަށް ކަމަށް އާބަންކޯ އިން ބުންޏެވެ. އަދި ޕްރޮގްރާމް ފުރިހަމަ ކުރައްވާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެއް ހާސިލްކުރުމާއިއެކު، މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
އެ ޕްރޮގްރާމްގައި 11 ދާއިރާއަކުން ބައިވެރިން ތަމްރީން ކުރެވޭނެ ކަމަށާއި އެ ދާއިރާތަކަކީ ހެވީވެހިކަލް، ވެލްޑިންގ، ގާޑަނިން، ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަން މެކޭނިކް، އިންވެންޓްރީ މެނޭޖްމަންޓް، ކޮމްޕިއުޓަރު ހާޑްވެއާ އެންޑް ނެޓްވޯކިން، ހައުސްކީޕިން، ފްރަންޓް އޮފީސް ސާވިސަސް، ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ޕެއިންޓިން އެންޑް ޑެކަރޭޝަންސް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާ ހިމެނެއެވެ.
އެޕްރެންޓިޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި އާބަންކޯއިން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަޓް އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އާ އެކު އެމް.އޯ.ޔޫ. އެއްގައި ސޮއިކޮށްފައެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑް ބެންކްގެ ފަންޑް "ކޮވިޑް -19 އެމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ އެހީއާއެކު ކަމަށްވެސް އާބަންކޯ އިން ބުންޏެވެ.
އެ ޕްރޮގްރާމްގެ މަގުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވާލައި ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުން ކަމަށްވެސް އެކުންފުނިން ބުންޏެވެ. އަދި ވަޒީފާގެ ބާޒާރުގައި އަޅުގަނޑުމެންގެ ޒުވާނުންނަށް، ކުރެވެން ހުރި ކަންތައްތައް، ބިދޭސީންގެ އަތްމައްޗަށް ދޫކޮށްނުލައި އެކަމަށް އެކަށޭނެ މީހުން ތަމްރީން ކުރުމާއި، ޒުވާނުންނަކީ އެއްވެސްވަރަކަށް ފަސްނުޖެހޭ، އަމަލީ މަސައްކަތްތައް ދަންނަ ގާބިލް ބަޔަކަށް ހެދުމަކީ އެ ޕްރޮގްރާމުގެ މަގުސަދެއް ކަމަށް އެކުންފުނިން ބުންޏެވެ.
ތިންހާސް ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުގެ ފަށާފައިވާ އަމާޒުގައި އާބަންކޯގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި ގައުމު ތަރައްގީ ކުރުމުގައި، ގައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އާބަންކޯއިން ކުރާނެ ކަމަށް އާބަންކީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު އާތިފް ވިދާޅުވިއެވެ. އަދި ގިނަ ދާއިރަތަކަކުން ގާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭން އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނެކަން ފާހަގަކުރެއްވިއެވެ.