އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްގެ އުއްމީދުތައް އަދިވެސް އެ އޮތީ ޖަލުގައި ހުންނެވި އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީނަށެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު ގާތްވަމުން ދިޔަޔަސް އެމަނިކުފާނަށް ވާދަ ކުރެއްވޭނެ މަގެއް ހޯދަން އެ ޕާޓީން ކެނޑިނޭޅި މަސައްކަތްތައް ކުރަމުންދެ އެވެ.
މިވަގުތު ހައި ކޯޓުގައި އޮތް އެމަނިކުފާނުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ އިންތިހާބުގެ ކުރިން ނިމޭނެ ކަމާ މެދު ސުވާލު އުފެދިފައި ވީ ނަމަވެސް ސިޔާސީ މަސްރަހުގައި ކަންކަން ހިނގާ ގޮތަށް ބަލާއިރު އެއީ ނުވާނެ ކަމެއް ނޫނެވެ. ސިޔާސީ ބޭފުޅުންގެ މައްސަލަތަކުގައި ކޯޓުތަކުގެ މަސައްކަތް ހަލުވިވުމަކީ އިންތިހާބީ މޫސުމުގައި ފެންނަ މަންޒަރުތަކެވެ.
ވަރުގަދަ އިދިކޮޅު ކެންޑިޑޭޓެއް ފެންނަން ނެތުމުން މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކިތަންމެ ފޫހިކޮށް ފެނުނެއް ކަމަކު ފަހު ވަގުތު ޔާމީން މިނިވަންވެ ވަޑައިގެންފިނަމަ މުޅި ސިޔާސީ މަންޒަރު ބަދަލުވާނެ އެވެ. ރާއްޖޭގެ ތާރީހަށް ބަލާނަމަ ޖަލުން ނިކުންނަވާ ސިޔާސީ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ތާއީދު އަބަދުވެސް ބޮޑެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަދަ ބޭފުޅުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޖަލަށްލުމުން އެ ބޭފުޅުންގެ ސިޔާސީ މަގްބޫލުކަން ވަރަށް ބޮޑަށް އިތުރުވި އެވެ.
އެހެންވުމުން ޔާމީންވެއްޖެނަމަ މި ސަރުކާރަށް ކުރިމަތިވާނެ ސިޔާސީ ޕްރެޝަރު ބޮޑުވެ އަދި އިންތިހާބުވެ ވާދަވެރިކަން ބޮޑުވެގެންދާނެ އެވެ. މިއީ އިންތިހާބު އަހަރެއް ހެން ހީނުވެ އޮތް ސިޔާސީ މާހައުލު އެކީހެން ބަދަލުކޮށްލާނެ ކަމެކެވެ. އަދި އޭރުން މިހާރު ޕާޓީތައް ތިބި ކޮޅު ބަދަލުވުމަކީ ވެސް ވަރަށް ގާތް ކަމެކެވެ.
ޔާމީން ޖަލުގައި ހުންނެވުމުން އޭގެ ސިޔާސީ ފައިދާ އެންމެ ބޮޑަށް މިހާރު ނަންގަވަމުންދާ ބޭފުޅުންނަކީ އިންތިހާބަށް ވާދަކުރައްވާނެ ކަން އިއުލާން ކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމާއި އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދި ދަ ޑިމޮކްރަޓްސް ޕާޓީ އެވެ. އިދިކޮޅު ސަޕޯޓަރުންގެ ތާއީދު ހޯދުމަށް މި ބޭފުޅުންގެ ބަހުގެ ހަމަލާތައް ސަރުކާރާއި އެމްޑީޕީއަށް މިހާރު އަމާޒުވަމުން ދިޔަ ނަމަވެސް ޔާމީން މިނިވަންވެއްޖެނަމަ މި ޕާޓީތަކުން ކޮޅު ބަދަލުކުރުމުގެ ފުރުސަތު ބޮޑެވެ. އޭރުން އިންތިހާބުގައި އެމްޑީޕީއާ ގުޅޭނެ ޕާޓީތައް އިތުރުވުމަކީ ވެސް ދުރު ކަމެއް ނޫނެވެ. އޭރުން މިހާރު އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ބޭފުޅުންގެ ވިސްނުން ބަދަލެ, "މިތުރުން ހަތުރުންނަށްވެ, ހަތުރުން މިތުރުންނަށް" ވުމުގެ ފުރުސަތު ދުރެއް ނޫނެވެ.
ޕީޕީއެމަށް ބަލާނަމަ ޔާމީން މިނިވަންވުމުން ސަޕޯޓަރުންގެ މާޔޫސްކަން އެކީ ފިލައި ގޮސް ޕާޓީގެ ހަރަކާތްތައް ވަރުގަދަވާނެ އެވެ. ނަމަވެސް ޔާމީން މިނިވަންވުމަކީ ޕާޓީ ތެރެއިން ރިޔާސީ ޓިކެޓަށް އަމާޒު ހިފައިގެން ތިއްބެވި ބޭފުޅުންނަށް ލިބޭނެ މާޔޫސް ކަމެކެވެ. ޔާމީން މިނިވަންނުވެ ޕީޕީއެމްގެ ޓިކެޓްގައި ފަހު ވަގުތު އިންތިހާބަށް ނިކުމެވޭނެ ކަމުގައި އުއްމީދުގައި މިހާރު ވެސް ޕީޕީއެމްގެ އިސް އެތައް ބޭފުޅުންނެއް އެބަތިއްބެވި އެވެ. އެހެންކަމުން އެ ބޭފުޅުންގެ ސިޔާސީ ވިސްނުން އަނެއްކާ އެހެން ގޮތަކަށް ބަދަލުވުމުގެ ފުރުސަތު ވެސް އެފަދަ ހާލަތެއްގައި އޮންނާނެ އެވެ.
އެހެނަސް ޔާމީނަށް މިހާރު ދަނީ ވަގުތު ކުޑަ ތަންވަމުންނެވެ. އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން މި އޮތް ބާކީ މަދު ދުވަސްކޮޅުގެ ތެރޭގައި ހައި ކޯޓުން އިސްތިއުނާފް މައްސަލަ ކާމިޔާބު ކޮށްގެން ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވިއްޖެނަމަ އެމަނިކުފާނަށް ދެން ލިބިވަޑައިގަންނަވާނީ ވަރަށް ހަނި ފުރުސަތެކެވެ. ޖަލު ހުކުމް އޮއްވާ ސުޕްރީމް ކޯޓަށް ގޮސްގެން އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ގޮތެއް ހޯދަން އުޅުނަކަސް ގާނޫނީ ގިނަ ބޭފުޅުން ވިދާޅުވާ ގޮތުން އެއީ ވަރަށް ނެތް ފުރުސަތެކެވެ.